ކޮންގްރެސް މެންބަރު ޝަޝީ ތަރޫރު - ފޮޓޯ: ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)
ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ
އިންޑިއާ މަސައްކަތްތެރީން އެ މަސައްކަތްތެރީންގެ ފައިސާ ޑޮލަރުން އިންޑިއާއަށް ފޮނުވުމުގައި
މި ފަހުން ގެނައި ލިމިޓުގެ މައްސަލަ އެ ޤައުމުގެ ޚާރިޖީ ވުޒާރާއާއި މާލީ
ވުޒާރާއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ވުޒާރާތަކަށް
ހުށަހަޅާފައިވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރި ގެ "ލޮކް ޝަބާ"
ގައި ޓްރިވެންޑްރަމް ތަމްސީލުކުރާ މެންބަރު ޝަޝީ ތަރޫރެވެ.
މި މައްސަލައިގާ އެ ދެ ވުޒާރާއަށް އޭނާ
ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާ ރައްޔިތުންނަށް
ޑޮލަރުގެ ގޮތުގައި ޤައުމަށް ފޮނުވޭ ރެމިޓެންސް ލިމިޓަކީ 150 ޑޮލަރު ކަމުގައި ސްޓޭޓް
ބޭންކް އޮފް އިންޑިއާއިން ކަނޑައަޅާފައިވާއިރު އެކަމަކީ އެތައް ހާސް ޢާއިލާއެއްގެ
ޒަރޫރަތްތައް ފުއްދުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަމުން އަންނަ ކަމަށެވެ. ޤައުމީ
ބޮޑު މައްސަލައެއް ކަމަށެވެ.
އޭނާ ފާހަގަކޮށްފައިވާގޮތުގައި އާންމުގޮތެއްގައި
އެ ޢާއިލާތަކަށް މަހެއްގެ މައްޗަށް 50 ހާހާއި 60 ހާހާއި ދެމެދުގެ ޢަދަދަކަށް
އިންޑިއާ ރުޕީސް އެ ޢާއިލާތަކަށް ނިސްބަތްވާ، ރާއްޖޭގައި އުޅޭ މަސައްކަތްތެރީން
ފޮނުވަމުންގެންގޮސްފައިވާއިރު މިހާރުގެ ލިމިޓުގެ ސަބަބުން އެ ޢަދަދު ހަމަ އެންމެ
13،500 ރުޕީސް އަށް ދަށްވެފައިވާކަމަށެވެ.
އޭނާގެ ސިޓީގައި އެދިފައިވަނީ ލިމިޓު
އުވާލައި ލިމިޓު ކުރިއަށްވުރެވެސް ބޮޑު ކުރުމަށް ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކާއި
ވުޒާރާތަކާއި އިންޑިއާއިން އިސްވެ މަޝްވަރާތައް ފެށުމަށެވެ.
ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަމުގެ
ހާލަތަށް ރިއާޔަތްކޮށް އެސްބީއައި އިން ކުރިން ދެމުންދިޔަ ރެމިޓެންސް ލިމިޓު 400
ޑޮލަރުން 150 ޑޮލަރަށް ދަށްކުރީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ
ބަދަލާއިމެދު އޮތް ކަންބޮޑުވުން އިތުރުވުމުން އެ ނިންމުމަށް ނޮވެމްބަރު މަހު ކުޑަ
ބަދަލެއް ގެނައެވެ. އެއީ ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ
މަސައްކަތްތެރީންގެ ތެރޭގައި ހިމެނޭ ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ މަސައްކަތްތެރީންނަށް
އެ ލިމިޓު 300 ޑޮލަރާއި ހަމައަށް ބޮޑު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް