ރަށެއްގައި އެމްޓީސީސީއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއެއް - ފޮޓޯ: އެމްޓީސީސީ
މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ވިސްނަމުން ދަނީ ދެ މޮޑެލަކަށް ކަމަށެވެ. އެއީ އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ތަރައްޤީކުރާ އެފޯޑަބަލް ހައުސިން އާއި، މާލީ އިދާރާތަކުގެ ފައިނޭންސިންއަށް ކުރިމަތިލެވޭނެ ނިޒާމެއް ޤާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ސްކީމެވެ.
"މިދެ މަޝްރޫޢަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ މަޝްރޫޢު އަޅުގަނޑުމެންނަށް އިފްތިތާޙު ކުރެވިގެންދާނެ" ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސަރުކާރުން ރަށްރަށުގައި ތަރައްޤީ ކުރާ އެފޯޑަބަލް ހައުސިންގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް މަސައްކަތް ކުރާ ސަރަޙައްދުގައި ޢާއިލާއެއް ބިނާކޮށް ގެދޮރުވެރިކަން ފަސޭހައިން ލިބެން ހުންނާނެ ކަން ކަށަވަރު ކުރުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާ އެކު އާބަން ސެންޓަރުތައް ތަރައްޤީ ކުރާ ސަރަޙައްދުތަކަށް ވެސް ރައްޔިތުންނަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.
އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް އެ މަގު ފަހިކޮށްދިނުމުގެ މަޝްރޫޢެއް މިހާރު ވެސް ހިންގަމުންދާ އިރު، އެ މަޝްރޫޢަށް ހުޅުވައިލުމުން 43 ރަށަކުން ވަނީ ކުރިމަތިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް