N/A
އެމެރިކާ-އީރާނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބާއްވާ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ބުރަށް ޕާކިސްތާނުން ތައްޔާރުވަމުން ދާއިރު، އީރާނުން އެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމާ މެދު ބޮޑެތި ޝައްކުތަކެއް އުފެދިއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ބުނީ އެމެރިކާގެ މަންދޫބުން ހޯމަ ދުވަހުގެ ރޭ އިސްލާމް އާބާދަށް ދާނެ ކަމަށެވެ. އެމެރިކާގެ ވަފުދުގައި ނައިބު ރައީސް ޖޭ.ޑީ ވޭންސް އާއި ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ ހިމެނޭނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެއެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އެސްމާޢީލް ބަޣާއީ މިއަދު ހޯމަ ދުވަހު ބުނީ "މިވަގުތު" މަޝްވަރާގެ ދެވަނަ ބުރެއް ބާއްވަން ރޭވިފައި ނެތް ކަމަށާއި، "ޑެޑްލައިންތަކާއި އިންޒާރުތަކުން އީރާނުގެ ޤައުމީ މަސްލަހަތު ހިމާޔަތް ނުކުރެވޭނެ" ކަމަށެވެ. ނަމަވެސް ސީއެންއެންއަށް މަޢުލޫމާތު ދިން އީރާނުގެ މަސްދަރުތަކުން ބުނެފައިވަނީ ތެހެރާނުގެ ވަފުދެއް އަންގާރަ ދުވަހު ޕާކިސްތާނަށް ދާނެ ކަމަށެވެ.
މަޝްވަރާގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނގެ އިސްލާމް އާބާދުގެ "ރެޑް ޒޯން" ގައި ވަފުދުތައް ބައިތިއްބާ ދެ ހޮޓެލް ކަމަށްވާ ސެރީނާ އާއި މެރިއޮޓް ހޮޓެލުން މެހެމާނުން ހުސްކޮށް، 10,000 ސެކިއުރިޓީ ފޯސް ރެޑް ޒޯންގައި ބައިތިއްބައި، ރެޑް ޒޯނާ ގުޅޭ މައި މަގުތަކުގައި ބަދަލު ޓްރެފިކް ޕްލޭންތައް ވެސް ހިންގައިފައިވެއެވެ.
މަޝްވަރާތައް އިތުރަށް ހީނަރުވާން މެދުވެރިވީ އާދީއްތަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިން ގަލްފް އޮފް އޯމާނުން އީރާނުގެ "ތައުސްކާ" މުދާ އުފުލާ ބޯޓެއް ހިފެހެއްޓި ހާދިސާއެވެ. އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ވަނީ މި ހާދިސާއަށް "ވަރަށް އަވަހަށް" ރައްދު ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުން ސިފަކުރީ ބޯޓު ހިފެހެއްޓުމަކީ ސީޒްފަޔާ އެއްބަސްވުމާ ޚިލާފު "ކަނޑުފޭރުމުގެ" ޢަމަލެއްގެ ގޮތުގައެވެ.
މި މަޝްވަރާތަކުގެ ފުރަތަމަ ބުރު އޭޕްރީލް 11 ވަނަ ދުވަހު އިސްލާމް އާބާދުގައި ބޭއްވިއެވެ. 21 ގަޑިއިރަށް ދެމިގެން ދިޔަ އެ މަޝްވަރާތައް ނިމުނީ އެއްބަސްވުމަކާ ނުލައެވެ. މައިގަނޑު ޚިލާފު އުފެދިފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާއިން ހުށަހެޅީ 20 އަހަރަށް ޔޫރޭނިއަމް ފައްކާކުރުން ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ގަބޫލުކުރީ ފަސް އަހަރެވެ. އޭޕްރީލް ހަތެއްގައި ޓްރަމްޕް އިޢުލާންކުރި ދެ ހަފުތާގެ ސީޒްފަޔާ ބުދަ ދުވަހު (22 އޭޕްރީލް) ހަމަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް