އަސްލު ފޮޓޯއެއް ނޫން، އޭއައި މެދުވެރިކޮށް މަންޒަރު ސިފަކޮށްދިނުމެއް -
އީރާނުގެ ދިދަ ޖެހި ކާގޯ ބޯޓެއް، އެމެރިކާގެ ނެވަލް ބްލޮކޭޑް ފޫއަޅުވައިލަން މަސައްކަތް ކުރަނިކޮށް، ބޯޓަށް ބަޑި ޖެހުމަށްފަހު އެމެރިކާ ސިފައިން އެ ބޯޓު އަތުލައިގެންފިއެވެ.
"ޓައުސްކާ" ނަމަކަށް ކިޔާ އެ ބޯޓު ހިފެހެއްޓީ އެމެރިކާ ނޭވީގެ ގައިޑެޑް މިސައިލް ޑެސްޓްރޯޔާ ޔޫއެސްއެސް ސްޕްރޫއެންސް އިންނެވެ. ނޯތު އެރޭބިއަން ސީ ގައި ބަނދަރު ޢައްބާސް އާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، ހަ ގަޑިއިރު ވަންދެން ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ވެސް ބޯޓުގެ ފަޅުވެރިން ހުއްޓުމަށް ދެކޮޅު ހެދުމުން، ޑެސްޓްރޯޔާ އިން ބޯޓުގެ އިންޖީނު ރޫމަށް ބަޑި ޖެހީއެވެ. ބޯޓު ނުދުއްވޭ ހާލަތަށް ގެނައުމަށްފަހު އެމެރިކާގެ މެރީންސް ބޯޓަށް އަރައި އެ ބޯޓު ހިފެހެއްޓީއެވެ. ޓައުސްކާ އަކީ ކުރިން ވެސް ޣައިރު ޤާނޫނީ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމެންޓުގެ ސެންކްޝަންސް ލިސްޓުގައި ހިމެނޭ ބޯޓެއް ކަމަށް އެމެރިކާއިން ބުނެއެވެ. ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ބުނީ ބާރުގެ ބޭނުންކުރީ "ރޭވިގެން، ޕްރޮފެޝަނަލްކޮށް، އަދި ނިސްބަތުން އެކަށީގެންވާ ގޮތަށް" ކަމަށެވެ.
މިއީ އޭޕްރީލް 13 ގައި ބްލޮކޭޑް ފެށީއްސުރެ ބޯޓެއް އަތުލައިގަތް ފުރަތަމަ ފަހަރެވެ. ސެންޓްކޮމް ބުނާ ގޮތުގައި މިހާތަނަށް 23 ބޯޓެއް އީރާނުގެ ބަނދަރުތަކާ ދިމާއަށް ދަތުރުކުރަނިކޮށް ހުއްޓުވައި އަނބުރާ ފޮނުވާލާފައިވެއެވެ.
އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑް ޚާތަމް އަލް-އަންބިޔާ އިން ބުނީ މިއީ ސީޒްފަޔާ އާ ޚިލާފު "ކަނޑުގެ ފޭރުމެއް" ކަމަށާއި، "ވަރަށް އަވަހަށް" ރައްދު ދޭނެ ކަމަށެވެ. ނަމަވެސް ޓްރަމްޕް ބުނީ ސީޒްފަޔާ މުގުރާލީ އީރާނުން ކަމަށެވެ — ހޮރްމުޒް ކަނޑުއޮޅީގައި ބޯޓުތަކަށް ބަޑި ޖެހީ އީރާނުން ކަމަށް ބުނެއެވެ. ފްރާންސާއި އިންޑިއާގެ ބޯޓުތަކަށް ވެސް އީރާނުން ވޯނިން ޝޮޓްސް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ މެދުވެރިކަމުގައި އެއްބަސްވި ދެ ހަފުތާގެ ސީޒްފަޔާ ހަމަވާން ބާކީ ތިން ދުވަހެވެ. ޓްރަމްޕް ބުނީ ބުދަ ދުވަހުގެ ކުރިން މަޝްވަރާތަކުން ނަތީޖާ ނުނެރެވިއްޖެ ނަމަ ސީޒްފަޔާ ދެމިގެން ނުގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް