ރާއްޖެއިން ޗާގޮސް ސަރަހައްދަށް އަސްކަރީ މަނަވަރު ފޮނުވައިފި !

ޗާގޮސް ޖަޒީރާތަކުގެ އުތުރު ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ކޯސްޓް ގާޑް ޝިޕް ދަރުމަވަންތަ ފޮނުވައި، ޚާއްޞަ ސަވައިލެންސް އޮޕަރޭޝަނެއް ފަށައިފިއެވެ. ދަރުމަވަންތަ އަކީ...

19 Feb 2026 | 21:12
ދިވެހި އަސްކަރީ މަނަވަރު، ދަރުމަވަންތަ -

ދިވެހި އަސްކަރީ މަނަވަރު، ދަރުމަވަންތަ -

ޗާގޮސް ޖަޒީރާތަކުގެ އުތުރު ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ކޯސްޓް ގާޑް ޝިޕް ދަރުމަވަންތަ ފޮނުވައި، ޚާއްޞަ ސަވައިލެންސް އޮޕަރޭޝަނެއް ފަށައިފިއެވެ.

ދަރުމަވަންތަ އަކީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކޮށް، މިދިޔަ އޮގަސްޓު މަހު ޚިދުމަތަށް ނެރުނު ޑޮޣާން ކްލާސް ފާސްޓް އެޓޭކް ކްރާފްޓެކެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ޚިދުމަތަށް ނެރުނު އެންމެ ބޮޑު މަނަވަރެވެ. 58 މީޓަރު ދިގު މި މަނަވަރުގައި 76 އެމްއެމްގެ ބަޑިއަކާއި 35 އެމްއެމްގެ ޑަބަލް ބެރަލް ބަޑިއެއް ހަރުކޮށްފައިވާއިރު، 38 ނޮޓުގެ ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން ލިބިފައިވެއެވެ.

މި އޮޕަރޭޝަނުގައި ދަރުމަވަންތައާ އެކު ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއާ ކޯޕްސްގެ ސަވައިލެންސް ޑްރޯން ސްކޮޑްރަނެއް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް ބޭރުގެ އެތައް އުޅަނދެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗާގޮސްގެ ސިޔާދަތު މޮރީޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުން ރަސްމީކޮށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް މުޢިއްޒު ވަނީ އެ އެއްބަސްވުމަކީ "ރާއްޖޭގެ ސަރަޙައްދީ އެއްބައިވަންތަ ކަމަށް އުނިކަން ލިބޭ ފިނޑި ނިންމުމެއް" ކަމަށް ސިފަކުރައްވައި، ތާރީޚީ އަދި އާކިއޮލޮޖިކަލް ހެކިތަކުން ޗާގޮސް އަކީ ރާއްޖޭގެ ލާޒިމީ ބައެއްކަން ސާބިތުވާ ކަމަށް ވިދާޅުވެފައެވެ. އަދި ޗާގޮސް އާއި މޮރީޝަސް އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މި އެއްބަސްވުމުގެ ދަށުން ޗާގޮސްގެ ސިޔާދަތު ވަނީ މެއި 2025 ގައި ރަސްމީކޮށް މޮރީޝަސް އަށް ބަދަލުކޮށްފައެވެ. ނަމަވެސް ރާއްޖެއިން ދަނީ އެ ނިންމުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެ ޤައުމުގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް