ރާއްޖޭގައި ގެއްލުނު ކަމަށްބުނާ އަފްތާބް ޚާން -
އިންޑިއާގެ އަލީގަޅަށް ނިސްބަތްވާ 25 އަހަރުގެ ޝެފެއް ކަމަށްވާ އާފްތާބް ޚާން، މިދިޔަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލުނު މައްސަލައިގައި، އޭނާގެ ޢާއިލާއަށް ކޮންސިއުލާ އެކްސެސް ދީ، ރާއްޖޭގައި ގާނޫނީ ފިޔަވަޅު އެޅުމަށް މަގުފަހިކޮށްދިނުމަށް ދިއްލީ ހައިކޯޓުން އިންޑިއާގެ ޚާރިޖީ ވުޒާރާއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އަމުރުކޮށްފިއެވެ.
އާފްތާބް 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓެއްގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. ރިސޯޓުން ޢާއިލާއަށް އެންގީ އާފްތާބް ބައެއް އެކުވެރީންނާ އެކު މޫދަށް އެރި ގެނބިގެން މަރުވީ ކަމަށެވެ. ނަމަވެސް ޢާއިލާއިން އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. ޢާއިލާއިން ބުނާ ގޮތުގައި، އެ ހާދިސާއާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއް ރިސޯޓުން ދީފައެއް ނުވެއެވެ.
އާފްތާބްގެ ބޭބެ މުޖީބް ޚާން ބުނީ، ރިސޯޓުގެ މެނޭޖްމަންޓާއި ކަމާބެހޭ ފަރާތްތަކުގެ ކިބައިން ތަކުރާރުކޮށް ޖަވާބު ހޯދަން މަސައްކަތް ކުރި ނަމަވެސް، އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. މުޖީބް ވަކީލާ އެކު ރާއްޖެ ދިއުމުންވެސް ރިސޯޓުން އާފްތާބްގެ ފޯނާއި ސީސީޓީވީ ފުޓޭޖް ހަވާލުކޮށްފައެއް ނުވެއެވެ. ޢާއިލާއާ ހަވާލުކުރީ ހަމައެކަނި އާފްތާބްގެ ޕާސްޕޯޓާއި ބައެއް ލިޔެކިޔުންތައް ސީލްޑް ދަބަހެއްގައެވެ.
ދިއްލީ ހައިކޯޓުގެ ޗީފް ޖަސްޓިސް ޑީ.ކޭ. އުޕާދިޔާޔާ އާއި ޖަސްޓިސް ތޭޖަސް ކާރިއާ ހިމެނޭ ޑިވިޝަން ބެންޗުން ހޯމަ ދުވަހު ކުރި އަމުރުގައި، ޚާރިޖީ ވުޒާރާގެ މައްޗަށް އެންގީ ޢާއިލާއާއި ވަކީލަށް ކޮންސިއުލާ އެކްސެސް ދީ، ރާއްޖެއަށް ވަދެ ނުކުތުމުގެ ފަސޭހަތައް ހަމަޖައްސައިދީ، ރިސޯޓާއި ތަހުގީގީ ފަރާތްތަކާ ބައްދަލުކުރެވޭނެ ގޮތް ހެދުމަށެވެ.
ޢާއިލާގެ ވަކީލް ޒީޝާން ޚާން ބުނީ، ކޯޓުގެ އެންގުމާ އެއްގޮތަށް ގާނޫނީ ފިޔަވަޅުތައް އެޅުމަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ ދިއުމަށް ރާވަމުންދާ ކަމަށެވެ.
އާފްތާބްގެ ބައްޕަ ޒާހިރް ޚާން ބުނީ، އާފްތާބަކީ ޢާއިލާގެ ހަމައެކަނި ޚަރަދު ބަލަހައްޓާ މީހާ ކަމަށާއި، ކޯޓުގެ ނިންމުމާ ގުޅިގެން އިންސާފު ލިބޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށެވެ. "އާފްތާބް ގެނބިގެން މަރުވީ ކަމަށް އަހަރެމެން ގަބޫލެއް ނުކުރަން. އޭނާގެ މަންމަވެސް ގަބޫލެއް ނުކުރޭ. އެ ޚަބަރު ލިބުނީއްސުރެ އޭނާގެ މަންމަގެ ސިއްހީ ހާލު ވަރަށް ގޯސްވެ، ހިނގައިބިނގައި ނޫޅެވޭ ހާލަތުގައި. ނަމަވެސް ދަރިފުޅު އަންނާނެ ކަމަށް އަދިވެސް އިންތިޒާރު ކުރޭ" ކަމަށް ޒާހިރް ބުންޏެވެ.
މީގެ ކުރިން ޖެނުއަރީ 15 ގައި ހައިކޯޓުގެ ސިންގަލް ޖަޖް ބެންޗަކުން މި މައްސަލައިގެ ޕެޓިޝަން ބޭރުކޮށްލީ، ސަރުކާރުން ޢާއިލާއަށް އެހީވުމަށް ކުރަންޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ޢާއިލާގެ ވަކީލް ޒީޝާން ޚާން އެ ނިންމުން އިސްތިއުނާފު ކުރީ ކޮންސިއުލާ އެހީ "ފުރިހަމައަށް ފޯރުކޮށްދީފައި ނުވާ" ކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް