ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދު - ފައިލް ފޮޓޯ: ދުވަސް
ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން
ޖެހޭކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ހުކުރު ޚުޠުބާގެ މަޢުޟޫޢުއަކީ "ތިމާއާއި
އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ." މި މަޢުޟޫޢުއެވެ.
ޚުޠުބާ ފަށަމުން ބުނެފައިވަނީ އަހަރެމެންގެ އަމިއްލަ
ނަފުސާއި، އެހެންމީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލުވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮ
ގޮތުގައި ހިފައިގެން ކަމަށާއި ސިކުނޑިއާއި، ލޮލާއި، ގުނަވަންތަކުގެ ބޭނުން ހެޔޮ ގޮތުގައި
ހިފައިގެން ކަމަށެވެ. ގުނައި ޢަދަދުނުކުރެވޭހައި ގިނަ ނިޢުމަތްތައް، މާތް الله އަހަރެމެންނަށް ދެއްވައިފައިވާކަމަށެވެ.
"މާތް الله ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން
ޖެހޭނެ، އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އަހަރެމެން ވިސްނައި
ފިކުރުކުރުމުގެ ބާރުކަމުގައިވާ ބުއްދި ހިމެނޭ، ހެޔޮ ގޮތުގައި ވިސްނައި ފިކުރުކުރުމަކީ،
އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުން، ފެނުމުގެ ނިޢުމަތް އެކަލާނގެ އަހަރެމެންނަށް
ދެއްވި، އެ ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، ލޮލުގެ ބޭނުން ހިފާންޖެހޭ ކަންކަމުގައި،
އެ ގުނަވަނުގެ ބޭނުންހިފުން" ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ހަނދުމަކޮށްދީފައިވަނީ އެއްގަމާއި، ކަނޑާއި،
ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހޭކަމަށާއި އެއްގަމު
އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން
އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން
ޖެހޭނެ ކަމަށެވެ. އަދި މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ
އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ ކަމަށެވެ.
"ކީރިތި ރަސޫލާ
ﷺ ގެ ޒަމާނުގައި، އިންޖީނުލީ އުޅަނދެއް ނުހުރޭ، އެހެންވެ، މި ޒަމާނުގައި މިހިރަ
ފަދަ ޓުރެފިކް ޤަވާޢިދުތަކެއް އޭރަކު ނެތް، ނަމަވެސް މަގުހިނގާ މީހުންގެ ޙައްޤުތަކާއި،
މަގު ބޭނުންކުރާ މީހުން ތަބަޢަވާންޖެހޭ އުޞޫލުތަކާއި، ވާޖިބުތަކެއް އޭރު ވެސް ހުރި،
އެ ޙައްޤުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން،
އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުން، އެ މޭރުމުން ވިސްނައިލާ
އިރު، މި ޒަމާނުގައި ހަދައިފައި ހުރި ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ
ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން، އަދި ކިއެއްތަ! އެއާ އެއްގޮތަށް ޢަމަލުކުރުމަކީ
ވާޖިބުކަމެއް، އެ ޤަވަޢިދުތަކަކީ ޢާންމު މަޞްލަޙަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި،
ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗަކަށްވާތީ، އިސްލާމް ދީނުގައި،
ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނެތް" ހުކުރު ޚުޠުބާގައި
ބުނެފައިވެއެވެ.
ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ދަތުރުގެ
ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ދަތުރު ދުޢާކިއުމަކީ، ޝަރުޢުކުރައްވައިފައިވާ
ކަމެކެވެ. ދަތުރަށް ފަށާ އިރު، މި ފަދައިން ކިއުމަކީ ސުންނަތެކެވެ. ކަނޑުދަތުރެއް ކަމުގައިވިއަސް،
ވައިގެ ދަތުރެއް ނުވަތަ އެއްގަމުގައި ކުރާ ދަތުރެއްކަމުގައި ވިއަސް ދަތުރުދުޢާ ކިއުމަކީ،
ކޮންމެ ދަތުރުވެރިއެއްގެ ވެސް އާދައަކަށް ހަދާން ޖެހެއެވެ. ހަނދާންކޮށްދިނުމުގެ ގޮތުން
ދަތުރު ދުޢާގެ ރެކޯޑިންއެއް އިއްވިއަސް، އަމިއްލައަށް ދުޢާ ކިޔާން ސަމާލުކަން ދޭންވާނެއެވެ!
މީގެ އިތުރަށް ދަތުރަށް ފަށާ އިރު، ކިޔާން މާތް ނަބިއްޔާ zގެ ސުންނަތުގައި ވާރިދުވެފައިވާ
ދުޢާތައް ހުރެއެވެ.
"މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ
ގިނައިން ހިނގަނީ، އުޅަނދުފަހަރު ދުއްވާ މީހުން ޤަވާޢިދާ ޚިލާފުވެގެން، އަނެއްބައި
ފަހަރު ފަރިތަކަމާއި، ކުޅަދާނަކަން ދަންކާން އުޅޭންހަދައިގެން، އަހަރެމެން މި ބިންމަތީގައި
ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތި، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ،
މާތް الله ރުއްސަވާ ސިފަތަކެއްނޫން" ޚުޠުބާގައި ބުނެފައިވެއެވެ.
ހުކުރު ޚުޠުބާ ނިންމާލަމުން ބުނެފައިވަނީ ބައެއް ފަހަރު
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް
ކަމަށާއި ނުރައްކާތެރި ހާދިސާތައް ހިނގާކަމަށެވެ. އަދި އެތައް ބަޔަކަށް ގެއްލުން ވާކަމަށެވެ.
ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް
ތަޙައްމުލުކުރާ ޙާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫންކަން
ޚުޠުބާގައި ބުނެދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް