ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެ ވަނަ ކޯސް 75 ބައިވެރިންނާ އެކު ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެ ވަނަ ކޯސް 75 ބައިވެރިންނާ އެކު މިއަދު ފަށައިފިއެވެ. ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ...

19 Jun 2026 | 13:50
މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެ ވަނަ ކޯސް 75 ބައިވެރިންނާ އެކު މިއަދު ފަށައިފިއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

16 ހަފުތާގެ މި ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅަކުން 75 ބައިވެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 62 ފިރިހެނުންނާއި 13 އަންހެނުން ހިމެނެއެވެ. ކޯހުގެ ދަރިވަރުން މި މަހުގެ ތިން ވަނަ ދުވަހު ވަނީ ސްކޫލަށް ރިޕޯޓްކޮށްފައެވެ.

މި ޕްރޮގްރާމުގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އާއި މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. ހަތަރު މަސް ދުވަހުގެ މި ތަމްރީނު ފުރިހަމަ ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްޑް ލެވެލް ތިނެއްގެ ސެޓިފިކެޓެއް ލިބޭނެއެވެ. ކިޔަވައިދެއްވާނީ ފަންނީ ދާއިރާތަކުގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ސިފައިންގެ އިންސްޓްރަކްޓަރުންނެވެ.

ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމަކީ، ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ފަންނީ ގޮތުން ހުނަރުވެރި، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް