N/A
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ތާއީދުކުރައްވާކަން މިއަދު ހާމަކުރައްވައިފިއެވެ.
"ބޮޑު ބަދަލު" މި ނަމުގައި ދެ ބޭފުޅުން މިއަދު ބޭއްވެވި ޕްރެސް ބްރީފިންގައި ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ޕްރޮޕޯސަލެކެވެ. އެ ޕްރޮޕޯސަލްގެ އެންމެ މައިގަނޑު ބަދަލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ތަފާތު ދެ މަގާމަކަށް ބަދަލުކުރުމެވެ. ނަމަވެސް ބަރުލަމާނީ ނިޒާމާ ޚިލާފަށް، މި ޕްރޮޕޯސަލްގައި ސަރުކާރުގެ ވެރިޔާ ވެސް ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ބަދަލުތަކުގެ ތަފްސީލް ދެއްވީ ފައްޔާޒެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝައުގުވެރިކަން ހުރީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ކަމަށެވެ. އަދި މި ބަދަލުތަކަކީ 2028 ވަނަ އަހަރާ ހަމައަށް މަޑުކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މިހާރުން މިހާރަށް ވެސް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ބަދަލުތައް ހޯދުމަށް ސީދާ ހަރަކާތާއި ސުލްހަވެރި ހިނގާލުންތައް ބާއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް