ފޯޅަވަހީގައި ހުރި ހަމަ އެކަނި އާންމުންގެ މީހާ މިވަގުތު ރާއްޖޭގައި - ރާއްޖެއިން ފޮނުވާލަން އެއްބަސްވީ މުއްދަތު ގާތްވަނީ !

އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ ޑިއެގޯ ގާސިއާ އަސްކަރީ މަރުކަޒުގައި ހުރި ހަމައެކަނި އާންމު ރައްޔިތު މީހާ، ސްރީ ލަންކާގެ ރެފިއުޖީއެއް ވަގުތީ ގޮތުން ރާއްޖެ ބަދަލުކޮށްފައިވާ ކަމަށާއި، އޭނާ ރާއ...

19 Apr 2026 | 02:22
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ ޑިއެގޯ ގާސިއާ އަސްކަރީ މަރުކަޒުގައި ހުރި ހަމައެކަނި އާންމު ރައްޔިތު މީހާ، ސްރީ ލަންކާގެ ރެފިއުޖީއެއް ވަގުތީ ގޮތުން ރާއްޖެ ބަދަލުކޮށްފައިވާ ކަމަށާއި، އޭނާ ރާއްޖޭގައި ބެހެއްޓުމަށް އެއްބަސްވީ 30 ދުވަހުގެ މުއްދަތު ހަމަވާން ގާތްވެފައިވާ ކަމަށް ބައިނަލްއަޤުވާމީ ރިޕޯޓުތަކުން އެނގިއްޖެއެވެ.

އިނގިރޭސިވިލާތުގެ ހައި ކޯޓުގެ ލިޔެކިޔުންތަކުގައި "ކޭޕީ" ގެ ނަމުން ފާހަގަކޮށްފައިވާ މި މީހާއަކީ ލަންކާގެ ޓެމިލް ދަރިކޮޅުގެ މީހެކެވެ. ލަންކާ ސިފައިންގެ އަނިޔާއާއި ޖިންސީ ގޯނާ އިން ފިލައިގެން 2021 ވަނަ އަހަރު ބޯޓެއްގައި ކެނެޑާއަށް ދާން ނުކުތް ނަމަވެސް، ބޯޓަށް މައްސަލަ ދިމާވެ ރޯޔަލް ނޭވީ އިން އެ ބޯޓު ޑިއެގޯ ގާސިއާ އަށް ގެންދިޔައީއެވެ. އެ ބޯޓުގައި ތިބި 64 މީހުންގެ ތެރެއިން ގިނަ ބަޔަކު 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި އިނގިރޭސިވިލާތަށް ބަދަލުކުރެވުނެވެ. ނަމަވެސް ޑިއެގޯ ގާސިއާގައި ހުރި ދުވަސްވަރު ރޯކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވުމާ ގުޅިގެން ކޭޕީ އިނގިރޭސިވިލާތަށް ގެންދިއުމުން ބާކީ ކުރެވުނީއެވެ.

ކޭޕީގެ މައްސަލަ ކުއްލި ހާލަތަކަށް ބަދަލުވީ އީރާނާ ދެމެދު އުފެދުނު ހަމަނުޖެހުމާ ގުޅިގެން ޑިއެގޯ ގާސިއާ ރައްކާތެރި ނޫން ކަމަށް ކަނޑައެޅުމުންނެވެ. މާޗު 20 ގައި އީރާނުން ޑިއެގޯ ގާސިއާ އަށް މިސައިލް ފޮނުވި ދުވަހު ސިވިލިއަން ސްޓާފް ބޭލުމުގެ ނިންމުން ނިންމިއެވެ. ކޭޕީ ބަހައްޓާނެ ތަނެއް ހޯދުމަށް 23 އަށް ވުރެ ގިނަ ޤައުމާ ވާހަކަ ދައްކައިގެން ވެސް ކާމިޔާބެއް ނުވިއެވެ.

ކޭޕީގެ ވަކީލުން ހައި ކޯޓަށް ކުއްލި މައްސަލައެއް ހުށަހެޅީ އޭނާ އިނގިރޭސިވިލާތަށް ވައްދައިދިނުމަށް އެދިއެވެ. ނަމަވެސް މާޗު 27 ގެ އަޑުއެހުމުގައި ދެ ގަޑިއިރަށް ވުރެ ގިނައިރު ފަހުން ރާއްޖެ އިން 30 ދުވަހަށް ކޭޕީ ބަލައިގަންނަން އެއްބަސްވި ޚަބަރު ލިބުނެވެ. ޖަސްޓިސް ކިމްބްލިން ނިންމީ ކޭޕީ އިނގިރޭސިވިލާތަށް ވެއްދުމުގެ ބަދަލުގައި ރާއްޖެ އަށް ބަދަލުކުރުން ރަނގަޅު ކަމަށެވެ. އެ ދުވަހު ވަކި ޗާޓަރު ފްލައިޓެއްގައި ސިއްހީ އެހީތެރިންނާ އެކު ކޭޕީ ރާއްޖެ ގެނެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އައުމުން ކޭޕީ ހައްޔަރު ނުކުރާނެ ކަމަށާއި، އިނގިރޭސި ސަރުކާރުން އޭނާގެ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ކަމަށާއި، ލަންކާ އަށް އަނބުރާ ނުފޮނުވާނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް ކޯޓު ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް ރާއްޖެއާ ހެދި ޑީލުގެ ތަފްސީލާއި ކޭޕީ ރާއްޖޭގައި ހުންނަ ތަނެއް ހާމަކޮށްފައެއް ނުވެއެވެ.

30 ދުވަހުގެ މުއްދަތު ގާތްގަނޑަކަށް އެޕްރީލް 26 ހާ ހިސާބުގައި ހަމަވާނެ ކަމަށް ބެލެވެއެވެ. އެ ފަހުން ކޭޕީ އަށް ވާނެ ގޮތެއް ސާފެއް ނޫނެވެ. މި ޚަބަރާ ގުޅޭ ގޮތުން ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ބަހެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް