N/A
ފިޠުރު ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވީ، މި އަހަރު ފިޠުރު ޢީދު ބައްދަލުކުރަނީ އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައި ވާ ދަނޑިވަޅެއްގައި ކަމަށެވެ. ފަލަސްޠީނާއި މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަޙައްމަލުކުރަމުންދާ ވޭނުގައި ދިވެހީން ބައިވެރިވާ ކަމަށާއި، އެ އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޢީދުގެ އުފަލަކީ ﷲއަށް ޙަމްދުކޮށް، ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކަށް ހިތްހެޔޮކޮށް، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން ކަމުގައި ހަނދާންކޮށްދެއްވައި، ޢީދުގެ ކަންކަން ރާވާ އިރު އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ރަމަޟާން މަހުގެ ފިލާވަޅުތައް ހަނދާނުގައި ބަހައްޓައި، ކެތްތެރިކަމާއި އެއްބައިވަންތަކަމުގައި ދެމިތިބުމަށް ހިތްވަރުދެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި، ޢީދު ހަދަންވާނީ ކާބަފައި ޒަމާނުއްސުރެ ޢީދާ ގުޅިފައިވާ ރީތި އާދަތައް ދިރުވައި، ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ ރަމްޒަކަށް ކަމަށް ވިދާޅުވެފައެވެ. މި މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް