ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ
ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ފުލުހުންގެ ޙިދުމަތުން
އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން
ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ މިއަދު ހަވާލުކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު
އަލީ އިހުސާން މި ޒިންމާ ފަރުހާދާ ހަވާލުކުރެއްވިއިރު، އޭނާއަކީ މިވަގުތު ޑެޕިއުޓީ
ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމައެކަނި އޮފިސަރެވެ.
ފުލުހުންގެ ގާނޫނު ބުނާގޮތުން ކޮމިޝަނަރުގެ މަގާމު
ހުސްވާތާ 45 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހެއެވެ.
މި މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް
އިއުލާން ކުރުމުން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕޮލިސް ބޯޑުން ފެންވަރު
ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިންނެވެ. މި މަގާމަށް
ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ
އޮފިސަރުންނަށެވެ.
ފުލުހުންގެ ހިދުމަތުގައި 32 އަހަރު ހޭދަކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވި
ނަވީން، ފުލުހުންގެ އިސް އޮފިސަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި
ނިންމުމަކީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ނިންމެވި ނިންމުމެއް ކަމަށެވެ. "އަޅުގަނޑުގެ
ހިތުގައި މިކަން އެނބުރޭތާ ދުވަސްތަކެއް ވެއްޖެ" ނަވީން ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިދުމަތުން ވަކިވެވަޑައިގަތީ މީގެ 32 އަހަރު ކުރިން
ގުޅުނުއިރުވެސް މުއައްސަސާއަށް އޮތް އިހުތިރާމާއި ގައުމަށް އޮތް ލޯބި އެގޮތުގައި
އޮވެގެން ކަމަށެވެ.
ނަވީން ސީޕީގެ މަގާމަށް އައްޔަން ކުރެއްވީ ޖޫން 2025 ގައި
އޭރު އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން
ރިޓަޔާ ކުރެއްވުމަށް ހުށަހަޅާފައި މިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއާ
ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގައި އޭނާއާ އެކު އިސް ހަތް އޮފިސަރަކު
ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާދީފައިވާ
ދަނޑިވަޅެއްގައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން އެކަމުގައި އަދި ގޮތެއް
ނިންމާފައެއް ނުވެ އެވެ.
ކުރީގެ ސީޕީ ޝުޖާއު ރިޓަޔާ ކުރެއްވުމުން އެ މަގާމަށް
ކުރިމަތިލެއްވީ ނަވީންގެ އިތުރުން މިހާރު އިދާރާ ހިންގެވުމާ
ހަވާލުވެވަޑައިގެންނެވި ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު
ޝަމީމެވެ. އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވީ ނަވީން އެ
މަގާމަށް އައްޔަން ކުރެއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް