މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 36 އަހަރުގެ ނަދީފް މުޙައްމަދު/ ފޮޓޯ: ފުލުހުން
މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރީ ގއ. ގެމަނަފުށީ، ރަންކޮކާގޭ އުމުރުން 36 އަހަރުގެ ނަދީފް މުޙައްމަދު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ނިމިދިޔަނއަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި، ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނިމިދިޔަ ޑިސެންބަރު 29 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލާގައި މިހާތަނަށް ބެލިބެލުމުން 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް އޭނާ ނަގާފައި ވާކަން ތަހުގީގަށް އެނގިފައި ވާކަމަށެވެ. އަދި 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާތައް ނަގާފައިވާކަންވެސް އެނގިފައި ބާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން ނަދީފް އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް އޭނާއަށް ދިން ކަމަށާއި ފުރަތަމަ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ އެންޓި ސކޭމް ސެންޓަރުން ތަހުގީގުކުރަމުން ދާކަމަށެވެ.
ސްކޭމްގެ މައްސަލަތައް ނުވަތަ އޮޅުވާލައިގެން ލާރި ހޯދާ މައްސަލަތައް މިހާރު ރާއްޖޭގައި ވަރަށްވެސް ގިނައެވެ. އެފަދަ މައްސަލަތަކުގައި އެކި އުކުޅުތައް ބޭނުންކުރާއިރު، އެ ކަންކަމަށް އާންމުން ސަމާލުވުން މުހިންމެވެ.
ރެކޯޑުތައް ދައްކާގޮތުން ނަދީފަކީ މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގެ ރެކޯޑު އޮތް ފަރާތެކެވެ. ދެތިން ފަހަރަކު މިފަދަ މައްސަލަތަކުގައި އޭނާ ހޯދާންވެސް އިޢުލާނުކޮށްފައި އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް