N/A
ދިވެހި ރައްޔިތުންގެ މެދުގައި ރައީސް މުޢިއްޒުގެ މަގުބޫލުކަން
ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެގޮތަށް ދައްކާފައިވަނީ ބާނީ ސެންޓަރ ފޮރ
އިންޓަނޭޝަނަލް ޕޮލިސީއިން ހެދި ދިރާސާއަކުންނެވެ.
އެ ދިރާސާއާއި ގުޅޭގޮތުން އެ ތިންކު ސެންޓަރުން
ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތުގެ
މަސްއޫލިއްޔަތުތައް ފުރިހަމަ ކުރަމުންދާގޮތާމެދު ވޯޓުލާ އާބާދީގެ 60 ޕަސެންޓަށްވުރެ
ގިނަ މީހުން ހިތްހަމަޖެހޭކަމަށް އޮޕީނިއަން ޕޮލްއަކުން ދައްކާފައިވާކަމަށާއި އެ
ނަތީޖާއާއި އެކު ދައުރުގެ މެދާ ހަމައަށް އާދެވުނު އިރުވެސް ރައީސް މުޢިއްޒުއަށް
އޮތް ތާއީދު ޖުމުލަގޮތެއްގައި ރަނގަޅުކަމަށް ބެލެވޭކަމަށެވެ.
"ރާއްޖޭގައި ހިންގާ ތިންކް ޓެންކެއް
ކަމުގައިވާ ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީއިން ފާއިތުވި މަހު ވަނީ، ރައީސް
މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޒިންމާ އަދާކުރައްވާ ގޮތާމެދު، ވޯޓުލާ
އުމުރުގެ ދިވެހި ރައްޔިތުން ދެކޭގޮތް އަހާފައި، މީގެ ތެރެއިން 62 ޕަސެންޓް
ރައްޔިތުންވަނީ އެމަނިކުފާނުގެ މަސައްކަތާމެދު "ހިތްހަމަޖެހޭ" ނުވަތަ
"ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ބުނެފައި، މިއާ ޚިލާފަށް 38
ޕަސަންޓް ރައްޔިތުން "ހިތްހަމަނުޖެހޭ" ކަމަށް ނުވަތަ "ވަރަށް ބޮޑަށް
ހިތްހަމަނުޖެހޭ" ކަމަށް ވަބީ ބުނެފައި، މިއާއެކު ރައީސް މުޢިއްޒަށް
ލިބިފައިވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންގ އެއް" ބާނީން ބުނެފައިވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ރައީސް މުޢިއްޒުގެ
މަސައްކަތާމެދު ޖުމުލަގޮތެއްގައި ހިތްހަމަޖެހޭކަން ފާޅުކުރި 62 ޕަސަންޓް މީހުންގެ
ތެރެއިން 21 ޕަސަންޓް މީހުން އެމަނިކުފާނާމެދު "ވަރަށް ބޮޑަށް" ހިތްހަމަޖެހޭޚަމަށް
ބުނެފައިވާކަމަށާއި އެހެންކަމުން އެ ފަރާތްތަކަކީ އެމަނިކުފާނަށް ވަރަށް ބޮޑަށް
ސަޕޯޓުކުރާ މީހުން ކަމުގައި ބެލެވިދާނެ ކަމަށެވެ. ބާކީ ތިބި 41 ޕަސަންޓް މީހުން
އެމަނިކުފާނުގެ މަސައްކަތާމެދު "ހިތްހަމަޖެހުނު" ކަމުގައިވީނަމަވެސް، އެ
ފަރާތްތަކަކީ ދެގޮތެއްނުވާ ސަޕޯޓަރުން ކަމަކަށް ނުބެލެވޭކަމަށް ބުނެފައިވެއެވެ.
ބާނި ސެންޓަރުން މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ
23 ނޮވެމްބަރު އަދި 1 ޑިސެމްބަރާ ދެމެދު، ރޭންޑަމްކޮށް ޓެލެފޯން އިންޓަވިއު
މެދުވެރިކޮށް ކަމަށާއި އެގޮތަށް 391 ފަރާތަކާ ސުވާލުތައްކޮށް، ބައިނަލްއަގުވާމީ
ޕޮލިންގ މިންގަނޑުތަކާ އެއްގޮތަށް ސާވޭ ކޮށްފައިވާނެކަމަށް ބުނެފައިވެއެވެ.
"މަތީގައިވާ ނަތީޖާގެ މާޖިން އޮފް އެރާ އަކީ 5
ޕަސަންޓް އަދި ކޮންފިޑެންސް ލެވެލް އަކީ 95 ޕަސަންޓް، މީގެ މާނައަކީ މި ޕޮލް މި
މުއްދަތުގެ ތެރޭގައި އެކި ފަހަރު ހިންގި ނަމަވެސް 95 ޕަސަންޓް ފަހަރު ޖަވާބުތައް
ހުންނާނީ އަޅުގަނޑުމެންގެ ނަތީޖާއާއި 5 ޕަސަންޓަށްވުރެ ކުޑަ ތަފާތެއްގެ ތެރޭގައިކަން"
ބާނިން ބުނެފައިވެއެވެ.
ޖިންސު، އުމުރު އަދި އާބަނައިޒޭޝަންގެ ނަޒަރަކުން
ރައީސް މުޢިއްޒުގެ އެޕްރޫވަލް ރޭޓިންގ
އެކި ޖިންސު، އުމުރު އަދި އާބަން ނުވަތަ ރޫރަލް
ސަރަހައްދުތަކުން އެ ޕޮލްގެ ޑާޓާ އެނަލައިޒްކުރި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ
ލެވެލްގައި ޑާޓާ އެނަލައިޒް ކުރާއިރު މާޖިން އޮފް އެރާ އިތުރުވެ ނަތީޖާގެ
ސައްހަކަމުގެ ޔަޤީންކަން ކުޑަވެގެންދާކަން ފާހަގަކޮށް ބުނެފައިވަނީ އެ ލިމިޓޭޝަންއަށް
ރިއާޔަތްކުރުމާއެކު، ހިމަނާފައިވަނީ އެކި ޖިންސު، އުމުރު އަދި އާބަން ނުވަތަ ރޫރަލް
ސަރަހައްދުގައި އުޅޭ މީހުން ދެކޭގޮތުގެ ނަތީޖާ ކަމަށެވެ.
ޕޮލްގެ ނަތީޖާއަށް ޖިންސުގެ ނަޒަރަކުން ބަލާލާއިރު،
ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި ރައީސް މުޢިއްޒަށް އޮންނަ ސަޕޯޓް
އިތުރުކަން ފާހަގަކުރެވެއެވެ. މިގޮތުން އަންހެނުންގެ 64 ޕަސަންޓް މީހުން
"ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް
ބުންޏެވެ. އަދި ފިރިހެނުންގެ 60 ޕަސަންޓް ސަޕޯޓް އެމަނިކުފާނަށް ވަނީ ލިބިފައެވެ.
މިއާ ޚިލާފަށް ފިރިހެނުންގެ ތެރެއިން 40 ޕަސަންޓް މީހުން ރައީސް މުޢިއްޒާ ދޭތެރޭ
ހިތްހަމަނުޖެހޭކަން ހިއްސާކުރިއިރު އަންހެނުންގެ ތެރެއިން ހިތްހަމަ ނުޖެހޭކަމަށް
ބުނެފައިވަނީ 36 ޕަސަންޓް މީހުންނެވެ.
އުމުރުފުރައިން ޕޮލްގެ ނަތީޖާއަށް ބަލާލާއިރު،
ޒުވާނުންނަށްވުރެ ދޮށީ އުމުރުގެ މީހުންގެ މެދުގައި ރައީސް މުޢިއްޒު މަގްބޫލުކަން
ފާހަގަކުރެވުނެވެ. މިގޮތުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ 68 ޕަސަންޓް މީހުން
އެމަނިކުފާނުގެ މަސައްކަތާމެދު ހިތްހަމަޖެހޭކަމަށް ބުނި ނަމަވެސް، މި އަދަދު ޒުވާނުންގެ
މެދުގައި އެއަށްވުރެ ދަށެވެ. 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން
ރައީސް މުޢިއްޒާމެދު ހިތްހަމަޖެހޭކަމަށް ބުނެފައިވަނީ 50 އިންސައްތަ މީހުންނެވެ.
މީގެ އިތުރުން ޒުވާން ވޯޓަރުން (18 އަހަރާއި 24
އަހަރާއި ދެމެދު) ގެ ތެރެއިން 8 ޕަސަންޓް މީހުން "ވަރަށް ބޮޑަށް
ހިހަމަޖެހޭ" ކަމަށް ބުނިއިރު 25 ޕަސަންޓް "ވަރަށް ބޮޑަށް ހިތްހަމަ
ނުޖެހޭ" ކަން ފާހަގަކުރިއެވެ. މިކަމުން ޖެން-ޒީ އުމުރުގެ ޒުވާނުން މާލޭގައި މުޒާހަރާ
ކުރިތާ މަސްތަކެއް ފާއިތުވީއިރުވެސް، ރައީސް މުޢިއްޒަށް އެފަރާތަތްކުގެ ސަޕޯޓް
ހޯދަން އުނދަގޫވެފައިވާކަމަށް ބެލެވެއެވެ.
އާބަން އަދި ރޫރަލް ސަރަހައްދުތަކުގެ މެދުގައި
ނަތީޖާއަށް ބަލާއިރު، ރޫރަލް ސަރަހައްދުތަކުގައި ރައީސް މުޢިއްޒަށް އޮތް ސަޕޯޓް އިތުރުކަން
ފާހަގަކުރެވެއެވެ. ރޫރަލް ސަރަހައްދުތަކުގެ 64 ޕަސަންޓް ރައްޔިތުން އެމަނިކުފާނަށް
ތާއީދުކުރާއިރު، އާބަން ސަރަހައްދުތަކުން އެމަނިކުފާނަށް ތާއީދުކުރަނީ 58 ޕަސަންޓް
މީހުންނެވެ.
އާބަން ސަރަހައްދުތަކުގެ ގޮތުގައި ބލާފައިވާނީ މާލެ
އަދި 5000 މީހުންނަށްވުރެ އާބާދީ ބޮޑު ރަށްތަކާއި ސިޓީތަކެވެ. މިއީ ކުޅުދުއްފުށި،
ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީއެވެ. ރޫރަލް ސަރަހައްދުތަކުގެ ގޮތުގައި
ބަލާފައިވާނީ 5000 އަށްވުރެ އާބާދީ ކުޑަ ރަށްތަކެވެ.
ބާނިން އިތުރަށް ބުނެފައިވަނީ ޕޮލް މެދުވެރިކޮށް
ރައީސް މުޢިއްޒާމެދު ހިތްހަމަޖެހޭ މިންވަރުގެ އިތުރުން، 2028ގައި ރައީސްކަމަށް ކުރިމަތިލާނެކަމަށް
ބެލެވޭ ކެންޑިޑޭޓުންނާއި ބައިނަލްއަގުވާމީ ބައެއް ޤައުމުތަކާމެދު ރައްޔިތުން ދެކޭގޮތްވެސް
އެހި ކަމަށާއި އެ ސުވާލުތަކުގެ ނަތީޖާ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނެރެމުންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް