ޗައިނާގައި ފަރުބަދައެއް ވެއްޓި، އަށް މީހުން މަރުވެ އެތައް ބަޔަކު އަދިވެސް ހިލަތަކުގެ ދަށުގައި ތާށިވެފައި

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޗޮންޗިން ސިޓީގެ ވުޖިއާން ކޯރު ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފަރުބަދައެއް ވެއްޓި އަށް މީހުން މަރުވެއްޖެ އެވެ. އިއްޔެ ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ އެ ފަރުބަދައިގެ...

18 Jul 2026 | 05:25
ވެއްޓުނު ފަރުބަދައިގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ --

ވެއްޓުނު ފަރުބަދައިގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ --

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޗޮންޗިން ސިޓީގެ ވުޖިއާން ކޯރު ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފަރުބަދައެއް ވެއްޓި އަށް މީހުން މަރުވެއްޖެ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ އެ ފަރުބަދައިގެ އެއް ބައެވެ. އެ ފަރުބަދައިގެ އެންމެ ތިރިން ފެށިގެން މައްޗާއި ހަމައަށް އެ ހިސާބުގައި ގެތައް އަޅާފައި ހުރެ އެވެ.

މަރުވި މީހުންގެ އިތުރުން ފަރުބަދައިން ވެއްޓުނު ބައިތަކުގެ ދަށުވި ކަމަށް ބެލެވޭ 34 މީހުން ނުފެނެ އެވެ. ފަރުބަދައިން ފޭބި ގާތަކުގެ ދަށުން މިހާތަނަށް 10 މީހުން ސަލާމަތް ކޮށްފައިވެ އެވެ.

މީގެ އިތުރުން ފަރުބަދަ ވެއްޓުމުގެ ސަބަބުން އެތައް ގެއެއް ހަލާކުވެ ބިމު އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭއިރު ދިރިތިއްބަ އެތައް ބަޔަކު ވަޅުލެވިފައިވާކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ ފަރާތަތްތަކުން ބުނެފައިވެ އެވެ. އެހެންވެ މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޗައިނާ ސަރުކާރުން ވަނީ ދައުލަތުގެ އިންޖިނިއަރިން ސަލާމަތީ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދަށް ފޮނުވައި އިތުރު މީހުން ސަލާމަތް ކުރެވޭ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އެ ޓީމުގައި 110 މީހުން ހިމެނެ އެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ބުނީ ބިމުގެ ކާރިސާތަކަށް ޚާއްޞަ ދެވަނަ ދަރަޖައިގެ އޮޕަރޭޝަނެއް އެ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމަށް ފަށާފައިވާ ކަމަށެވެ.

އަދި މިނިސްޓްރީގެ އޮފިޝަލެއްގެ އިސްކޮށްހުރެ ޓީމެއް އެ ސަރަޙައްދަށް ފޮނުވައި ސަލާމަތާއި ކުއްލި ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ބެލެހެއްޓުމުގައި ބައިވެރިވަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް