N/A
ހުކުރު ދުވަހު އީރާނުން ހޮރްމުޒް ކަނޑުއޮޅި ވިޔަފާރީ ބޯޓުފަހަރަށް "އެއްކޮށް ހުޅުވައިލި" ޚަބަރާ އެކު ދުނިޔޭގެ ތެލުގެ އަގު %12 ވެއްޓި، ހިއްސާ ބާޒާރުތައް މައްޗަށް ދިޔައެވެ. ނަމަވެސް 24 ގަޑިއިރު ނުވެ، ހޮނިހިރު ދުވަހު އީރާނުގެ ސިފައިން އިޢުލާނުކުރީ ކަނޑުއޮޅީގެ ކޮންޓްރޯލް "ކުރީގެ ހާލަތަށް ރުޖޫޢަވެފައިވާ" ކަމަށެވެ — ޓޭންކަރުތަކަށް ބަޑި ޖަހައި، ބޯޓުފަހަރު އަނބުރާ ފޮނުވައިލީއެވެ.
ހުޅުވީ ކީއްވެ ؟
ބުރާސްފަތި ދުވަހު އިޒްރޭލާއި ލުބުނާނާ ދެމެދު 10 ދުވަހުގެ ހަނގުރާމަ ހުއްޓައިލުމެއް ފެށުނެވެ. ލުބުނާނުގެ ހަނގުރާމަ ހުއްޓުވުމަކީ ކަނޑުއޮޅި ހުޅުވައިލުމުގެ ޝަރުތެއްގެ ގޮތުގައި އީރާނުން ފެށީއްސުރެ ހިފަހައްޓަމުން އައި ނުކުތާއެކެވެ. އެ ޝަރުތު ފުރިހަމަވުމާ އެކު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޣްޗީ ހުކުރު ދުވަހު އިޢުލާނުކުރީ ސީޒްފަޔާގެ ބާކީ މުއްދަތުގައި ކަނޑުއޮޅި ހުޅުވާފައި ބާއްވާނެ ކަމަށެވެ.
އަނެއްކާ ބަންދުކުރީ ކީއްވެ ؟
ޢަރަޣްޗީގެ އިޢުލާނަށް ގަޑިއިރުތަކެއް ފަހުން، އެމެރިކާގެ ރައީސް ޓްރަމްޕް ޓްރުތް ސޯޝަލްގައި ލިޔުނީ އީރާނުގެ ބަނދަރުތަކުގައި ހިންގާ ނޭވަލް ބްލޮކޭޑް "ފުރިހަމައަށް ދެމިއޮންނާނެ" ކަމަށެވެ — ޑީލް "100% ނިމެންދެން" ކަމަށެވެ. އެ ބަސްތަކާ އެކު ތެހެރާނުގެ ރައްދު އައީ ހަމަ ވަގުތުންނެވެ. ޕާލަމެންޓް ސްޕީކަރު މުޙައްމަދު ބާޣިރު ޣާލިބާފް އެކްސްގައި ލިޔުނީ ބްލޮކޭޑް ކުރިއަށް ގެންދާ ނަމަ ކަނޑުއޮޅި ހުޅުވާފައި ނޯންނާނެ ކަމަށެވެ.
ހޮނިހިރު ދުވަހު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން އެ ވައުދު ތަންފީޒުކުރިއެވެ. ކަނޑުއޮޅި އަލުން ބަންދުކޮށް، އެމެރިކާގެ ބްލޮކޭޑް ސިފަކުރީ ކަނޑުފޭރުމާއި ކަނޑުމަތީ ވައްކަމެއްގެ ގޮތުގައެވެ. އިންޑިއާގެ ދެ ބޯޓަކަށް ބަޑީގެ ހަމަލާ ދިން އިރު، ކޮންޓެއިނަރު ބޯޓަކަށް "ނޭނގޭ ޕްރޮޖެކްޓައިލެއް" އެރި ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނެއެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނުން "ކުޑަކޮށް ކިއުޓް ވެލީ" ކަމަށާއި "އެއްވެސް ބަޔަކަށް އެމެރިކާ ބްލެކްމެއިލެއް ނުކުރެވޭނެ" ކަމަށެވެ.
ޞުލްޙައިގެ ފުރުސަތު އޮތީ ކިހާ ވަރަކަށް؟
އޭޕްރީލް އަށެއްގައި ޕާކިސްތާނު މެދުވެރިކޮށް ފެށި ދެ ހަފުތާގެ ސީޒްފަޔާ ހަމަވާނީ ބުދަ ދުވަހު (އޭޕްރީލް 22) އެވެ. ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާޤު ޑާރު ބުނީ ޞުލްޙައިގެ %80 އަށް ވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށާއި، ދެ ފަރާތުން ވެސް ލުއި ދެވޭނެ ހިސާބެއް ހޯދަން ޖެހޭ ކަމަށެވެ. ދެ ވަނަ ބުރުގެ ސީދާ މަޝްވަރާ ހޯމަ ދުވަހު އިސްލާމާބާދުގައި ބާއްވާނެ ކަމަށް އީރާނުގެ މަސްދަރުތަކުން ބުނެއެވެ.
ނަމަވެސް ހައްލު ނުލިބި ބޮޑެތި ޚިލާފުތަކެއް އެބަހުއްޓެވެ. ނިއުކްލިއާ ޔޫރޭނިއަމް އެންރިޗްމަންޓް ހުއްޓައިލުމާއި، ހަނގުރާމައިގެ ބަދަލު ދިނުމާއި، ސެންކްޝަންސް ނެގުމާއި، ލުބުނާނުގެ ހަނގުރާމައިގެ ވާހަކަ — މި ހުރިހާ ކަމެއް ފުނި ޖެހިފައިވާއިރު، ޓްރަމްޕް ބުނީ އީރާނުގެ ނިއުކްލިއާ މާއްދާތައް އެމެރިކާގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެވެ — އީރާނުގެ ރަސްމީ ފަރާތްތަކުން އެ ވާހަކައާ ދެކޮޅު ހަދައެވެ.
ހޮރްމުޒް އެހާ މުހިންމު މިވަނީ ކީއްވެ ؟
ހޮރްމުޒް ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް 20 މިލިއަން ފީފާ ތެޔޮ ދަތުރުކުރެއެވެ — ދުނިޔޭގެ ކަނޑުމަތީ ތެޔޮ ވިޔަފާރީގެ ފަސް ބައިކުޅަ އެއް ބައެވެ. ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޢިރާޤު އަދި ޤަޠަރުގެ ތެޔޮ ދުނިޔެއަށް ފޯރުކޮށްދޭ މައިގަނޑު މަގަކީ މި ކަނޑުއޮޅިއެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށީއްސުރެ ކަނޑުއޮޅި ބަންދުވެފައި އޮތުން ވެފައި ވަނީ މި ހަނގުރާމައިގައި އީރާނުގެ އެންމެ ބާރުގަދަ ހަތިޔާރަށެވެ — ތެލުގެ އަގު އުފުލި، ދުނިޔޭގެ އިޤުތިޞާދީ ހަމަޖެހުމަށް ބުރޫ އެރީއެވެ.
ދެ ފަރާތުގެ ޕްރެޝަރ ކާޑު ކުޅުމުގައި !
މި ވަގުތު ކުޅެވެނީ ދެ ބާގޭނިން ޗިޕެއްގެ ކުޅިވަރެކެވެ. އީރާނު ބޭނުންކުރަނީ ހޮރްމުޒް ކާޑެވެ — ކަނޑުއޮޅި ހުޅުވައި، ބަންދުކޮށް، ދުނިޔޭގެ ތެލުގެ ބާޒާރު ތަޅުވައިލަ ތަޅުވައިލާ ބޭއްވުމެވެ. އެމެރިކާ ބޭނުންކުރަނީ ބްލޮކޭޑް ކާޑެވެ. އީރާނުގެ ބަނދަރުތައް ބަންދުކޮށް، ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓް ހުއްޓުވައި، އިޤުތިޞާދީ ގޮތުން ފިއްތައިލުމެވެ. ދެ ފަރާތް ވެސް ގޮތް ދޫނުކުރާ ހިނދު، ދެ ފަރާތަށް ވެސް ގެއްލުމެވެ — އީރާނު ތެޔޮ ނުވިކި، ދުނިޔެއަށް ތެޔޮ ނުލިބޭ ހާލަތެވެ.
ސީއެންއެން ގެ ދިރާސީި ރިޕޯޓެއްގައި ބުނާ ގޮތުގައި ހަނގުރާމައަށް ރުޖޫޢަވުމަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ކަމެއް ނޫނެވެ. 13,000 އަށް ވުރެ ގިނަ ޓާގެޓަށް ހަމަލާ ދީ ނިމިފައި ވީ ނަމަވެސް އީރާނުގެ ރައްދު ދިނުމުގެ ޤާބިލުކަން ހުއްޓުނީކީ ނޫނެވެ. ހަމައެއާ އެކު ޓްރަމްޕަށް ވެސް ތެލުގެ ކާރިސާ ސިޔާސީ ގޮތުން ބޮޑު ގެއްލުމެކެވެ. އެހެންކަމުން، ބުދަ ދުވަހުގެ ސުންގަނޑިއާ ހަމައަށް ފެންނަ އެންމެ ބޮޑު ފުރުސަތަކީ ސީޒްފަޔާ ދިގުކޮށް، މަޝްވަރާ ކުރިއަށް ގެންދިއުމެވެ.
މި ހަނގުރާމައިގައި މިހައިތަނަށް އީރާނުގައި 3,300 އަށް ވުރެ ގިނަ މީހުން، ލުބުނާނުގައި 2,100 އަށް ވުރެ ގިނަ މީހުން، ގަލްފު ޤައުމުތަކުގައި 32 މީހުން، އިޒްރޭލުގައި 23 މީހުން، އަދި 13 އެމެރިކާ ސިފައިން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް