ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ޚިދުމަތުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން އަރުވަން: ކުރީގެ ވަޒީރު އާދަމް ޝަރީފް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން ވަކިވެވަޑައިގެންނެވި އާދަމް ޝަރީފް ޢުމަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައ...

18 Apr 2026 | 15:30
ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރު ރައީސް މުޢިއްޒާއެކު -

ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރު ރައީސް މުޢިއްޒާއެކު -

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން ވަކިވެވަޑައިގެންނެވި އާދަމް ޝަރީފް ޢުމަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ވަޒީރުކަމުން ވަކިވެވަޑައިގަތުމާ ގުޅިގެން ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެންބަރުންނާއި ވުޒާރާގެ މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ޢާންމުންގެ ގިނަ ބަޔަކު ފާޅުކުރައްވަމުންގެންދަވާ އޯގާތެރި ބަސްފުޅުތަކަށް ހިތުގެ ފުންމިނުން ޝުކުރު ދެންނެވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށް، ކައުންސިލްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ލިބިގެން ކަމަށެވެ. އަދި އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސަރުކާރާ ގުޅިގެން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަޒީރުކަމަށް އައްޔަންކުރެއްވީ 17 ނޮވެންބަރު 2023 ގައި ރައީސް މުޢިއްޒުގެ ކެބިނެޓް ހުވާކުރެއްވި ދުވަހުއެވެ. އެ މަޤާމުން ވަކިވެވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހު 10 ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވައި ކެބިނެޓް 20 ވަޒީރުންގެ ބަދަލުގައި 15 ވަޒީރުންނަށް ކުޑަކުރެއްވުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް