މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ އަންހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29 އަހަރު) އާއި ކ. މާލެ، ގުމުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25 އަހަރު) އެވެ. ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރުމެވެ. ޢަލްޔާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތު ވެސް ކުރެވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައަކީ މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. ދެ މީހުން ވެސް ބަންދުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލުގައެވެ.
ކޯޓުން ބަންދު އަމުރު ނެރެފައިވަނީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމަށް ފަހުގައެވެ. ޢަލްޔާގެ ބަންދު އަމުރުގައި، ފަސް ދުވަސް ތެރޭގައި ވަކީލަކު އައްޔަންކޮށްފި ނަމަ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ވެސް އަމުރުކޮށްފައިވެއެވެ. ދެ އަމުރު ވެސް ނެރުއްވީ ޤާޟީ އަޙްމަދު ނިޔާޒެވެ.
މި މައްސަލައިގާ ދިވެހި ފުލުހުން އަދި ކަސްޓަމްސްގެ ރަސްމީ ބަހެއް ދުވަހަށް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް