N/A
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފައިނޭންސް ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގައިފިއެވެ.
މި ފިޔަވަޅު އެޅުމަށް އެންގީ އިއްޔެ ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފައިނޭންސް ވުޒާރާއިން ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރު އެޅުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް ވެސް ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ.
މި ފިޔަވަޅުތައް ކުންފުނިތަކަށް އެންގުމާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމަށް ޕީ.ސީ.ބީ އަށް ވަނީ އަންގައިފައެވެ. އަދި ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން ވުޒާރާއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.
މިއީ އެސް.އޯ.އީތަކުގެ ޚަރަދު ކުޑަކުރުމަށް ޕީ.ސީ.ބީން ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ފިޔަވަޅުތަކެކެވެ. ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތައް ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް