މުއާޒް ހަލީމް -
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މުއާޒް މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލުކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
މުއާޒް ހަލީމް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަނުކުރެއްވީ 2025 ވަނަ އަހަރުގެ ޖެނުއަރީ 13 ގައެވެ. މުއާޒް އެ މަގާމަށް ވަޑައިގެންނެވި އިރު ހުންނެވީ ޑިފެންސް ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
މި އިސްތިއުފާ އައިސްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި ރެފެރެންޑަމްގެ ނަތީޖާއާ ގުޅިގެން ރައީސް ސަރުކާރު ހިންގެވުމާއި ޕާޓީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހު 20 ވުޒާރާ 15 އަށް ކުޑަކުރައްވައި، 10 ވަޒީރެއްގެ އިސްތިއުފާ ގަބޫލުކުރައްވައި، ކެބިނެޓް ބޮޑު ބަދަލެއް ގެންނަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް