N/A
ޕާކިސްތާނުގައި އަންހެން ކުއްޖެއް ރޭޕުކުރި މައްސަލައިގައި "ޝަރީޢާ ކައުންސިލަކުން" ރޭޕުކުރި މީހާގެ ކޮއްކޮ ރޭޕުކުރަން ޙުކުމްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ޕޯސްޓެއްގައި ބޮޑެތި އޮޅުވާލުންތަކެއް ހިމެނެއެވެ. މި ޕޯސްޓުގައި ބުނެފައިވަނީ މިއީ "ޝަރީޢާ ޤާނޫނުގައި" އޮންނަ "ރިވެންޖް ރޭޕް"ގެ އުސޫލެއް ކަމަށެވެ.
މި ޕޯސްޓް އެކްސް (ކުރީގެ ޓްވިޓާ) ގައި ފެތުރިގެން ގޮސް ފަސް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އެކްސްގެ ވެރިޔާ އީލޮން މަސްކް ވެސް އެ ޕޯސްޓަށް ކޮމެންޓުކޮށް "ބިރުވެރި" ކަމެއް ކަމަށް ބުނެފައިވެއެވެ.
ހާދިސާ ހިނގީ ކިހިނެއް؟
މި ހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގެ މުލްތާނު ކައިރީގައެވެ. 12 އަހަރުގެ އަންހެން ކުއްޖެއް ދަނޑެއްގައި ރޭޕުކުރި މައްސަލައިގައި، ރޭޕުކުރި ފިރިހެން ކުއްޖާގެ ދައްތަ ރޭޕުކުރަން އެ ސަރަހައްދުގެ މީހުން އެއްވެ ނިންމީއެވެ.
ޕާކިސްތާނުގެ ފުލުހުން މި މައްސަލައިގައި 20 މީހުން ހައްޔަރުކޮށް، އިތުރު ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ޕާކިސްތާނުގެ ޤާނޫނުގައި ރޭޕުގެ އެންމެ ބޮޑު އަދަބަކީ މަރުގެ ޙުކުމެވެ.
"ޝަރީޢާ ކައުންސިލް" ދޮގެއް
ޕާކިސްތާނުގެ ފެކްޓް-ޗެކް ޖަމާޢަތެއް ކަމަށްވާ ސޯޗް ފެކްޓް ޗެކް އިން މި ވައިރަލް ޕޯސްޓް ތަޙުޤީޤުކޮށް ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމީ ޝަރީޢާ ކައުންސިލެއް ނޫނެވެ. އެ ނިންމުން ނިންމީ އެ ސަރަހައްދުގެ ޤަބީލާ / އަވަށު ޕަންޗާޔަތެކެވެ. ޕާކިސްތާނުގެ ފެޑެރަލް ޝަރީޢަތު ކޯޓާ މި މައްސަލައާ އެއްވެސް ގުޅުމެއް ނެތެވެ.
ޕަންޗާޔަތަކީ ޕާކިސްތާނުގެ ރަށްފުށު ސަރަހައްދުތަކުގައި ޤަބީލާ އާދަކާދައިގެ ތެރެއިން މައްސަލަ ހައްލުކުރާ ނިޒާމެކެވެ. މި ނިޒާމަށް ޕާކިސްތާނުގެ ޤާނޫނީ ބާރެއް ނެތެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވެސް ވިލެޖް ކައުންސިލްތަކުގެ މިފަދަ ނިންމުންތައް ޣައިރު ޤާނޫނީ ކަމަށް ކަނޑައަޅާފައިވެއެވެ.
ޝަރީޢާ ޤާނޫނުގައި "ރިވެންޖް ރޭޕް" ނެތް
ވައިރަލް ޕޯސްޓުގައި ބުނެފައިވާ ގޮތާ ޚިލާފަށް، އިސްލާމީ ޝަރީޢާގެ އެއްވެސް ތަނެއްގައި "ބަދަލު ރޭޕް"ގެ ޙުކުމެއް ނެތެވެ. ކީރިތި ޤުރުއާނާއި ޙަދީޘާއި ފިޤުހީ ޢިލްމުވެރީންގެ އެއްވެސް ތަފްސީރެއްގައި މިފަދަ ކަމެއް ހުއްދަކޮށްފައެއް ނުވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެން.ޕީ.އާރް ވެސް ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ މއްސަލައަކީ ދީނެއް ނޫނެވެ. އެއީ ޤަބީލާ އާދަކާދައިގެ ތެރެއިން އަންނަ ކަމެކެވެ. މި ރޭޕް އެންގި ޕަންޗާޔަތް ހިންގީ ނުފޫޒު ގަދަ ބިންވެރީން ކަމަށާއި، އެއީ އިސްލާމް ދީން މާ ބޮޑަށް ގަބޫލު ނުކުރާ ކުރީގެ ޤަބީލާ އާދަކާދައެއް ކަމަށް އެން.ޕީ.އާރް އިން ރިޕޯޓުކޮށްފައިވެއެވެ.
ހުލާސާ:
ހާދިސާ ހިނގި ކަމީ ތެދެކެވެ. ނަމަވެސް "ޝަރީޢާ ކައުންސިލް"ގެ ނިންމުމެއް ކަމަށް ބުނެ، "ޝަރީޢާ ޤާނޫނުގެ" ބައެއް ކަމަށް ބުނެ ފެތުރެމުންދަނީ ދޮގު ވާހަކައެކެވެ. ޤަބީލާ އާދަކާދައިގެ ތެރެއިން ހިނގި ޖަރީމާއެއް އިސްލާމް ދީނުގެ ބޮލުގައި އެޅުވުމަށް ބޭނުންކޮށްފައިވާ ޕޯސްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް