ވަޒީރު ޝިޔާމް އެންމެ މި ފަހުން ވަޒީރުކަމާ ހަވާލުވެލެއްވި ދުވަހުގެ ފޮޓޯއެއް -
މަސްވެރިންނަށް ތެޔޮ ނުލިބި މަސްދޯނިފަހަރު ހުއްޓިފައިވާ ކަމަށް ބުނެ ދައުރު ނޫހުން ޝާއިއުކުރި ރިޕޯޓަށް ރައްދު ދެއްވައި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔައިރު ވެސް ސަރުކާރުން ތެލުގެ ކަންކަން ރަނގަޅަށް މެނޭޖް ކުރަމުން އަންނަ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއް ކަމަކީ ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެ ކަން ކަށަވަރުކުރުން ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވި ނަމަވެސް މަސްވެރިންނަށް އެ ބުރަ ނުޖައްސައި މިއަދާ ހަމައަށް ވެސް ގެންދާ ކަމަށާއި، އެ ކަން މަސްވެރިން ވެސް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.
ދައުރުގެ ސުރުޚީއަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ "ނޫހުގައި ތިފަދަ ސުރުޚީއެއް ޖައްސަވާއިރު ކަން އޮތް ގޮތް ރަނގަޅަށް ބައްލަވައިލެއްވި ނަމަ ހާދަ ރަނގަޅުވީހޭ ހިތަށް އަރާ" ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅި ރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާ އެކު، މާތް ﷲ ގެ އިރާދަފުޅުން މަސްވެރިކަން ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް، އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާ އެކު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް