މިސްރުގެ ރައީސް ސީސީ އާއި އެމެރިކާގެ ރައީސް ޓްރަމްޕް -
ނީލަ ކޯރުގެ ނޫ ނީލަ ކޯރުގައި އިތިއޮޕިއާއިން
ގާއިމުކޮށްފައިވާ ޑޭމް (ކޯރުގެ ފެން ކޮންޓްރޯލް ކުރެވޭހެން ގާއިމްކޮށްފައިވާ) މައްސަލައާއެކު
ސޫދާނާއި މިސްރާއި އިތިއޮޕިއާއާއިމެދު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު
ހޯދައިދިނުމަށް މެދުވެރިއެއްގެ ރޯލު ކުޅުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ހުށަހަޅުއްވައިފިއެވެ.
ޓްރަމްޕްގެ މި ހުށަހެޅުމަށް ސޫދާނާއި މިސްރުން
މިވަނީ މަރްޙަބާ ކިޔާފައެވެ.
މި މައްސަލައިގެ ފަސް ފަހަތަށް ބަލައިލާއިރު
ގްރާންޑް އިތިއޮޕިއަން ރެނައިސަންސް ޑޭމް (ގާޑް) އަކީ ނިމިދިޔަ 2025 ވަނަ އަހަރު
އިތިއޮޕިއާއިން ސޫދާން ބޯޑަރާ ކައިރިން ނޫ ނީލަ ކޯރުގައި ގާއިމްކުރި ބިޔަ ބޮޑު
ޑޭމް އެކެވެ.
މި މައްސަލައިގާ މިސްރުގެ ކަންބޮޑުވުމަކީ ނޫ ނީލަ
ކޯރަކީ މިސްރަށް ދަނޑުވެރިކަމާއި އެހެނިހެން ޒަރޫރަތްތަކަށް ސާފު ފެން ލިއްބައިދޭ
މައި ޒަރީއާއަށް ވުމެވެ. ސޫދާންގެ ކަންބޮޑުވުމަކީ ނޫ ނީލަކޯރުގެ ފެނުގެ ޕްރެޝަރު
އިތިއޮޕިއާއިން ކޮންޓްރޯލުކުރުމުން ސޫދާނުގައި ފެންބޮޑުވުމާއި އެފަދަ ކަންކަމަށް
އޮތް ނުރައްކަލުގެ ކަންބޮޑުވުމެވެ.
ތަންޒާނިއާ، ކެންޔާ އަދި އުގާންޑާގެ ލޭކް
ވިކްޓޯރިއާއާއި ހަމައިން ފެށޭ ނީލަ ކޯރު އިތިއޮޕިއާގެ ލޭކް ތަނާއިން ނޫ ނީލައަށް
ފުޅާވެ މިސްރުގެ އިސްކަންދަރިއްޔާ ހުރަސްކޮށް މެޑިޓެރޭނިއަން ކަނޑާއި ހަމައަށް
ދެމިގެންދެއެވެ.
އިތިއޮޕިއާއިން ފަސް ބިލިއަން ޑޮލަރު ޚަރަދުކޮށްގެން
އެ ޑޭމް ގާއިމުކޮށްފައިވަނީ ކަރަންޓު އުފެއްދުމުގެ ބޭނުމުގައެވެ. އެ ޑޭމް
މެދުވެރިކޮށް ދުވާލެއްގެ މައްޗަށް އިތިއޮޕިއާއިން ފަސް ހާސް މެގަވޮޓްގެ ކަރަންޓު
އުފައްދައެވެ.
އެހެންނަމަވެސް ބޮޑު މައްސަލަ އުފެދިގެން މިއުޅެނީ
ނޫ ނީލަ ކޯރުގެ ކޮންޓްރޯލް މި ޑޭމާއެކު އެކުގައިހެން އިތިއޮޕިއާއަށް
ލިބިގެންދިއުމުންނެވެ. މިއާއެކު މިސްރަށް އޮތް ކަންބޮޑުވުމަކީ އިތިއޮޕިއާއިން
ބޭނުންވެއްޖެ ހާލަތެއްގައި މިސްރަށް ފެނުގެ ދަތިކަން ކުރިމަތި ކުރުވުމުގެ
ފުރުޞަތާއި ހަމަ އިތިއޮޕިއާއިން ބޭނުންވެއްޖެ ހާލަތެއްގައި ސޫދާނުގެ ކޯރުތައް ފުރި
ބަންޑުންވާހާ ދަރަޖައަށް އިތިއޮޕިއާއަށް ކޮންޓްރޯލް ލިބިގެން ދިއުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް