ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް މިއަދު ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ (ސަރވިސް ނަންބަރު: 6029) ގެ ޖަނާޒާ ...

16 May 2026 | 20:04
N/A

N/A

ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް މިއަދު ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ (ސަރވިސް ނަންބަރު: 6029) ގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވައިފިއެވެ.

ކަށު ނަމާދު ކޮށްފައި ވަނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. ފަސްދާނު ލާފައި ވަނީ މައްޗަންގޮޅީ އާ ސަހަރާގައެވެ.
ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި، ދައުލަތުގެ އިސް ވެރިންނާއި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު ސިފައިން ސަންދޯއް ކައިރީ ގާޑް މައުންޓް ކޮށްފައި ވެއެވެ. ކަށު ނަމާދަށް ފަހު ސަންދޯއް އުފުލީ ސިފައިންގެ ސަންދޯއް ވެރިންގެ ކޮނޑު މަތީގައެވެ. ސަންދޯއް ވަޅު ލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ ވަނީ މަހުދީގެ ޢާއިލާ އާ ހަވާލު ކޮށްދެއްވައިފައެވެ. ސިފައިން ވަނީ ހަތް ބަޑީގެ ސަލާމާއި ރަސްމީ ކުރުނީހެއް ވެސް އަރުވައިފައެވެ.
މަހުދީ ނިޔާވުމުގެ ހިތާމައިގައި 48 ގަޑިއިރަށް ސިފައިންގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

މަހުދީ އަކީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ ޑައިވިން ޔުނިޓުގައި މަސައްކަތް ކުރައްވަމުން ގެންދެވި، ރާއްޖެ އާއި ރާއްޖެ އިން ބޭރުން އެތައް ތަމްރީނެއް ފުރިހަމަ ކުރައްވައިފައި ވާ ތަޖުރިބާކާރު ޑައިވަރެކެވެ. ފުރިހަމަ ކުރައްވައިފައި ވާ ތަމްރީނުތަކުގެ ތެރޭގައި އޯޕަން ވޯޓަރ ޑައިވިން ކޯހާއި، ޝިޕް ޑައިވަރ ކޯހާއި، ޑައިވް މާސްޓަރ ކޯހާއި، ރެސްކިއު އެންޑް ސެލްވޭޖް ކޮމާންޑް ކޯސް ހިމެނެއެވެ. އޯޕަން ވޯޓަރ ޑައިވިން ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭކަލެކެވެ.

ސިފައިންގެ ޚިދުމަތުގައި 20 އަހަރާއި ހަތަރު މަހާއި 27 ދުވަސް ހޭދަ ކުރައްވައި، ހަތަރު މެޑެއްޔާއި ނުވަ ކުލަ ހާސިލް ކުރައްވައިފައި ވެއެވެ. ލިބިވަޑައިގެންފައި ވާ މެޑެލިތަކުގެ ތެރޭގައި 17 ވަނަ ސާކް ސަމިޓް މެޑެއްޔާއި، މިނިވަން 50 ގެ މެޑެއްޔާއި، ޖުމްހޫރީ 50 ގެ މެޑެއްޔާއި، ކޮވިޑް-19 އިންސާނީ ޚިދުމަތުގެ މެޑެލި ހިމެނެއެވެ. ނުވަ ކުލައިގެ ތެރޭގައި ތިން ފަހަރަށް އަޚްލާޤީ ކުލަ އާއި، ކާމިޔާބުގެ ކުލަ އާއި، ޚާއްޞަ ޚިދުމަތުގެ ކުލަ އާއި، ހުނަރުވެރިކަމުގެ ކުލަ އާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ އާއި، ހިތްވަރުގަދަކަމުގެ ކުލަ ހިމެނެއެވެ.

މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، މަރުޙޫމް ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ފުރާނަފުޅަށް ސުވަރުގޭގެ އެންމެ މަތިވެރި ޖައްނަތުލް ފިރްދައުސްގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް