މިޔަރު ހަމަލައިގައި ފަތުރުވެރިއެއްގެ ފައި ބުރިކޮށްލަން ޖެހުނު ހާދިސާ - ޓުއާ އޮޕަރޭޓަރުގެ މައްސަލަ ފުލުހަށް

ގއ. ކޫއްޑޫ ކައިރީ ސްނޯކެލް ކުރަން ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދީ ސީރިއަސް އަނިޔާތަކެއް ލިބުނު ސްޕެއިނުގެ ފަތުރުވެރިޔާގެ ފައި ބުރިކޮށްލަން ޖެހިފައިވާ އިރު، އެ ހާދިސާގައި ޓުއާ އޮޕަރޭޓަރުގެ އިހުމާލު އ...

17 Apr 2026 | 13:30
ފައި ބުރިކޮށްލަން ޖެހުނު ބޯރްހާ ސޯސާ - ފޮޓޯ: ޑެއިލީ މެއިލް

ފައި ބުރިކޮށްލަން ޖެހުނު ބޯރްހާ ސޯސާ - ފޮޓޯ: ޑެއިލީ މެއިލް

ގއ. ކޫއްޑޫ ކައިރީ ސްނޯކެލް ކުރަން ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދީ ސީރިއަސް އަނިޔާތަކެއް ލިބުނު ސްޕެއިނުގެ ފަތުރުވެރިޔާގެ ފައި ބުރިކޮށްލަން ޖެހިފައިވާ އިރު، އެ ހާދިސާގައި ޓުއާ އޮޕަރޭޓަރުގެ އިހުމާލު އޮތް ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު (އެޕްރީލް 11) މެންދުރު ފަހު، ކޫއްޑޫ މަސް ފެކްޓަރީ ކައިރީ ފަރެއްގައެވެ. ހަމަލާ ލިބުނީ ސްޕެއިނުގެ އެލިކާންޓޭއަށް ނިސްބަތްވާ 31 އަހަރުގެ ގައިނެކޮލޮޖިސްޓެއް ކަމަށްވާ ބޯރްހާ ގާސިއާ ސައުސާ އަށެވެ. އޭނާ ހުރީ އަނބިމީހާ އަނާ އާ އެކު ހަނީމޫނަށް ރާއްޖެ އައިހެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޯރްހާ ހިމެނޭ ގްރޫޕެއް މޫދަށް ފޭބި ވަގުތު މިޔަރެއް ހަމަލާދީ، އެންމެ ދަތް އެޅުމަކުން ކަކުލުން ތިރީގެ މަސްތައް ވީދައިގެން ދިޔައީއެވެ. ބޯރްހާ ފުރަތަމަ ގެންދިޔައީ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. ހާލު ސީރިއަސް ވުމުން މާލެ އެއާލިފްޓް ކޮށް، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފެށިއެވެ. ލޭ ހޮޅިތައް ރަނގަޅު ނުކުރެވޭ ވަރަށް ހަލާކުވެ، ލޭ ދައުރުވުން ހުއްޓިފައިވާ ވަގުތު ދިގުވުމުން ޑޮކްޓަރުންނަށް ޖެހުނީ ފައި ބުރިކޮށްލާށެވެ.

ބޯރްހާގެ އަނބިމީހާ އަނާ ވަނީ ޓުއާ އޮޕަރޭޓަރުގެ އިހުމާލު ކަމަށް ބުނެ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ރަސްމީ ޝަކުވާއެއް ހުށަހަޅައިފައެވެ. ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު ފަށައިފައެވެ.

ހާދިސާ ހިނގި ސަރަހައްދަކީ ކޫއްޑޫ މަސް ފެކްޓަރީ ކައިރީ މިޔަރު ގިނައިން އުޅޭ ސަރަހައްދެކެވެ. އިނގިރޭސި ނޫސްތަކުގައި ލޯކަލް މަސްދަރުތަކާ ހަވާޅާދީ ބުނެފައިވާގޮތުގައި ފެކްޓަރީން ގާތްގަނޑަކަށް ހަފުތާއެއް ވަންދެން ކުނި ނާޅައި ހުރުމުން މިޔަރުތައް ބަނޑުހައިވެފައި ތިބި ކަމަށް ބެލެވެއެވެ. އެ ސަރަހައްދުގައި ސްޕިނާ ޝާކް ގިނަ ނަމަވެސް ހަމަލަ ދިނީ ބުލް ޝާކެއް ކަމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ބޯރްހާ އަކީ ސްޕެއިނުގެ ޑރ. ބަލްމިސް ޔުނިވާސިޓީ ޖެނެރަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ގައިނެކޮލޮޖިސްޓެކެވެ. ސެމީ-ޕްރޮފެޝަނަލް ފެންވަރުގައި ފުޓްސަލް ވެސް ކުޅެމުން ދިޔަ ބޯރްހާގެ ހާލު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް