ފަޤީރުކަމަކީ ވަސީލަތް ނެތުމުގެ މައްސަލައެއް ނޫން، ޒަކާތް އަދާނުކުރުމުގެ މައްސަލައެއް: ޚުޠުބާ

މުސްލިމް އުންމަތުގެ ފަޤީރުކަމަކީ ވަސީލަތްތައް ނެތުމާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި، އެއީ ޒަކާތް އަދާނުކުރުމާ ގުޅޭ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. "އިޖުތިމާޢީ ޢަދާލަތު ޤާއި...

17 Apr 2026 | 06:57
N/A

N/A

މުސްލިމް އުންމަތުގެ ފަޤީރުކަމަކީ ވަސީލަތްތައް ނެތުމާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި، އެއީ ޒަކާތް އަދާނުކުރުމާ ގުޅޭ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މައުޟޫޢަށް އިއްވި ޚުޠުބާގައި ބުނީ، މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ނިކަމެތީންނަށް ވެދެވޭ އިޙުސާންތެރިކަމެއް ނޫން ކަމަށެވެ. އެއީ މާތް ﷲ ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި، ފަޤީރުންނާއި މިސްކީނުންގެ "ކަނޑައެޅިގެންވާ ޙައްޤެއް" ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ޒަކާތަކީ މުދާ ވަކި ބައެއްގެ އަތުގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި މުޅި މުޖުތަމަޢުގައި ތަނަވަސްކަން ދައުރުވުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ. ދުޅަހެޔޮ އިޤުތިޞާދެއް މިނެކިރަނީ މުއްސަނދީންގެ އަތުގައި ޖަމާވެފައި ހުރި މުދަލުގެ މިންވަރަކުން ނޫން ކަމަށާއި، އެ މުދާ މުޖުތަމަޢުގެ ތެރޭގައި ދައުރުވާ މިންވަރަކުން ކަމަށް ވެސް ބުންޏެވެ.

ޒަކާތުގެ ނިޒާމުގެ ކާމިޔާބީގެ ޒަމާނީ މިސާލެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކުރީ އިންޑޮނޭޝިއާގެ ތަޖުރިބާއެވެ. އެ ޤައުމުގެ ޒަކާތުގެ އިދާރާއިން 2024 ވަނަ އަހަރު ނެރުނު ހިސާބުތައް ދައްކާ ގޮތުގައި، އެންމެ އަހަރެއްގެ ތެރޭގައި 1.35 މިލިއަނަށް ވުރެ ގިނަ މީހުން ޒަކާތުގެ ސަބަބުން ފަޤީރުކަމުން ސަލާމަތްވެފައިވެއެވެ. އޭގެ ތެރޭގައި އިންތިހާ ދަރަޖައިގެ ފަޤީރުންގެ ތެރެއިން 720,000 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ. މީގެ އިތުރުން މެލޭޝިއާގައި ޒަކާތުގެ އެހީގައި ތަޢުލީމު ޙާޞިލުކުރާ ނުވަތަ ވިޔަފާރި ފަށަން އެހީ ލިބޭ ފަޤީރުން، މަދު އަހަރުތަކެއްގެ ތެރޭގައި ޒަކާތް ދޭ މީހުންނަށް ބަދަލުވާ ކަން ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.

ޒަކާތް ނުދީ މުދާ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުދަލުން ބަރަކާތް ކެނޑޭނެ ކަމެއް ކަމަށް ބުނެ، ލަސްނުކޮށް ޒަކާތް ދެއްކުމަށާއި މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ދިރުވުމަށް ޚުޠުބާގައި ގޮވައިލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް