އިޒްރޭލާއި ލުބުނާނު 10 ދުވަހުގެ ހަމަލަ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް — ލުބުނާނުގައި އުފާ ފާޅުކުރަނީ

އިޒްރޭލާއި ލުބުނާނާ ދެމެދު 10 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ތަންފީޒުވާން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުން އިއުލާންކުރީ ބުރާސްފަތި ދުވަހު، އި...

17 Apr 2026 | 04:43
N/A

N/A

އިޒްރޭލާއި ލުބުނާނާ ދެމެދު 10 ދުވަހަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ތަންފީޒުވާން ފަށައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުން އިއުލާންކުރީ ބުރާސްފަތި ދުވަހު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯޒެފް އައޫންއާ ފޯނުން ވާހަކަ ދެއްކުމަށް ފަހުގައެވެ. އެއްބަސްވުން ތަންފީޒުވާން ފެށީ އެމެރިކާ ގަޑިން ހަވީރު ފަހެއް ޖެހިއިރު (ރާއްޖޭ ގަޑިން ބަލަނީނަމަ ރޭ މެންދަމު 02:00) ގައެވެ.

އެއްބަސްވުން ފެށުމާ އެކު ބެއިރޫތުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން އުފާ ފާޅުކޮށް، ބަޑި ޖެހުމާއި ހަވާ އެރުވުމުގެ އަޑު ގުގުމާލިއެވެ. ނަމަވެސް އެއްބަސްވުން ފެށުނުތާ ބައި ގަޑިއެއްހާ އިރު ފަހުން ދެކުނު ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި އިޒްރޭލުގެ ބޮޑުބަޑީގެ ހަމަލާތަކާއި ބަޑީގެ އަޑު އިވުނު ކަމަށް ލުބުނާނުގެ ޤައުމީ ޚަބަރު އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ސީޒްފަޔާ އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ، ހަމަލަތައް މެދުކަނޑައިލުމަކީ ނުވަތަ ހުއްޓާލުމަކީ ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ލުބުނާނުން ދެކެމުން އައި ހުވަފެނެއް ކަމަށް ސިފަކުރެއްވިއެވެ. ހަމަލަ ބަދަލުކުރުން މެދުކަނޑާލުމަށް ވި އެއްބަސްވުމުގެ ދަށުން ލުބުނާން ސަރުކާރުން ހިޒްބުﷲ އާއި އެ ނޫން ވެސް ހަތިޔާރު އެޅި ޖަމާޢަތްތަކުން އިޒްރޭލަށް ހަމަލާ ދިނުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ވަނީ އެއްބަސްވެފައެވެ. އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސެލްފް ޑިފެންސަށް ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދިނުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށެވެ.

ހިޒްބުﷲ އިން ވެސް މި އެއްބަސްވުން ބަލައިގަތް ނަމަވެސް، ލުބުނާނުގައި ތިބި އިޒްރޭލު ސިފައިންނާ ދެކޮޅަށް "ރައްދުގައި ހަމަލަ ދިނުމުގެ" ހައްގު ލުބުނާނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށް ބުންޏެވެ. ނަތަންޔާހޫ ބުނީ ސިފައިން ދެކުނު ލުބުނާނުގެ "ފުޅާ" ސެކިއުރިޓީ ޒޯނެއްގައި ދެމި ތިބޭނެ ކަމަށާއި ހިޒްބުﷲ "ރޫޅާލުން" ލާޒިމު ކަމަށެވެ.

މި އެއްބަސްވުން އައީ އަންގާރަ ދުވަހު ވޮޝިންޓަނުގައި އިޒްރޭލާއި ލުބުނާނުގެ ސީދާ ޑިޕްލޮމެޓިކް މަޝްވަރާ ބޭއްވުމަށް ފަހުގައެވެ. މިއީ 1993 ވަނަ އަހަރުގެ ފަހުން ދެ ޤައުމުގެ ދެމެދުގައި ބޭއްވި ފުރަތަމަ ސީދާ ބައްދަލުވުމެވެ. އެއްބަސްވުން ޤާއިމުކުރުމަކީ އީރާނާ އެކު ފުޅާ ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނުން ކޮށްފައިވާ ޝަރުތެކެވެ. ޓްރަމްޕް ބުނީ އީރާނާ އެކު ޑީލެއް ހެދުމާ ވަރަށް ގާތްވެއްޖެ ކަމަށާއި ހަފްތާ ބަންދުގައި އީރާނާ ބައްދަލުކޮށްފާނެ ކަމަށެވެ.

މާރިޗު ދޭއްގައި ހަނގުރާމަ ފެށުނު ފަހުން ލުބުނާނުގައި 2,196 މީހުން މަރުވެ، 7,185 މީހުން ޒަޚަމްވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް