N/A
ރާއްޖޭގައި މިޔަރު ހަމަލާދޭ ހާދިސާތައް ފަހަކަށް އައިސް އިތުރުވަމުންދާއިރު، އޭގެ ފަހަތުގައި ސޯޝަލް މީޑިއާ އިންފްލުއެންސަރުން (ނުފޫޒަރުން)ގެ ނުފޫޒު އޮތްކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.
މި އިންޒާރު އައިސްފައި މިވަނީ ރާއްޖޭގައި ހަނީމޫނަށް އައިސް އުޅުނު ސްޕެއިނުގެ ގައިނޮކޮލޮޖިސްޓެއް ކަމަށްވާ ބޯރްހާއަށް ގއ. ކޫއްޑޫ ކައިރިން މިޔަރެއް ހަމަލާދިނުމުން، އޭނާގެ ފައި ބުރިކުރަން ޖެހުނު ހާދިސާއާ ގުޅިގެންނެވެ. ހޯމަ ދުވަހުގެ މެންދުރުފަހު އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު، އޭނާއަށް ހަމަލާދީފައިވަނީ ކޫއްޑޫ މަސް ޕްލާންޓް ކައިރިން، ސްޕިނަރ މިޔަރު ގިނައިން އުޅޭކަމަށް ބުނެވޭ ސަރަޙައްދަކުންނެވެ.
ފްރޮންޓިއާޒް އިން ކޮންޒަވޭޝަން ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި، މިޔަރު ހަމަލާދޭ ބައެއް ހާދިސާތަކަކީ "ދިފާއީ" ހަމަލާތަކެކެވެ. އެއީ އިންސާނުން މިޔަރުގައި އަތްލުމުން ނުވަތަ އުނދަގޫކުރުމުން ދޭ ހަމަލާތަކެކެވެ. 2009 އިން 2023 އާ ދެމެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ ކޭސް ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން 74 ހަމަލާ ރެކޯޑުކޮށްފައިވާ އިރު، ގާތްގަނޑަކަށް %5 އަކީ ދިފާއީ ހަމަލާތައްކަމަށް ފެންނަ ކަމަށް ދިރާސާއިން ދައްކައެވެ.
މި ދިރާސާއަށް އިސްކޮށް ހުންނެވި ޕްރޮފެސަރ އެރިކް ކްލޫއާ ދަ ޓައިމްސް ނޫހަށް ވިދާޅުވީ، މިޔަރުގެ ބުރަކަށީގެ ފިޔައިގައި ހިފައިގެން ނުވަތަ އޭތީގައި އަތްލުމުގެ ވީޑިއޯތައް އިންފްލުއެންސަރުން ހިއްސާކުރާ ގޮތަށް ޢާންމުން ކަންކުރަން އޭނާ އެއްގޮތަކަށްވެސް ހިތްވަރު ނުދެއްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، "ޔޯކްޝަޔާ ޓެރިއާ" ކުއްތާއަކާއި "ޕިޓް ބުލް" ކުއްތާއެއް ވަކިކުރަން އެނގޭ އިރު، ގިނަ ބަޔަކަށް "ބްލެކްޓިޕް ރީފް ޝާކު" އަކާއި "ބުލް ޝާކު" އެއްގެ ތަފާތު ނޭނގޭ ކަމަށެވެ. އެ ދެ މިޔަރަކީ ކަނޑުގެ "ޕިޓް ބުލް" އާއި "ޔޯކްޝަޔާ ޓެރިއާ" ފަދަ އެއްޗިއްސެވެ.
ސެލެބްރިޓީންގެ ތެރެއިން ރިއާނާ، ޒެކް އެފްރޮން، ކްރިސް ހެމްސްވޯތު އަދި ބެލާ ތޯން ފަދަ ފަންނާނުން މިޔަރާ ގާތުން ދިމާވެފައިވާ މަންޒަރުގެ ވީޑިއޯތައް ޙިއްޞާކުރަމުން ދިޔުމަކީ، ޓޫރިސްޓުންނަށް "މިޔަރުތައް ނުރައްކަލެއް ނޫން" ކަމުގެ ނުބައި ޚިޔާލެއް ގެނެސްދޭ ސަބަބެއް ކަމަށް މާހިރުން ބުނެއެވެ. ޚާއްޞަކޮށް، މިޔަރުގެ ވައްތަރުތައް ވަކިކުރަން ނޭނގޭ ޓޫރިސްޓުންނަށް މި ވީޑިއޯތަކުގެ ސަބަބުން ސަލާމަތުގެ ގޯސް ޔަޤީންކަމެއް އުފެދޭ ކަމަށް އެމީހުން ފާހަގަކުރެއެވެ.
ރާއްޖޭގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި މިޔަރުގެ ހަމަލާތައް ގިނަވެފައިވާކަން ރެކޯޑުތަކުން ފެންނަން އެބަހުއްޓެވެ. 2024 ވަނަ އަހަރުގެ ޖޫން މަހު، އުނގޫފާރަށް ނިސްބަތްވާ އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުޙައްމަދު ޒައިދާން (30 އަހަރު)، ސްނޯކަލްކުރަން އުޅުމުގެ ތެރޭގައި މިޔަރެއް ހަމަލާދީ، ކޮނޑުގެ ކަށިގަނޑު ފުނޑު ފުނޑުވެ، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވިއެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޓްރެވަލް އިންފްލުއެންސަރު ލީލިއަން ޓަގްލިއާރީ ރާއްޖޭގައި 50 އެއްހާ ނާސް ޝާކުތަކުގެ ތެރޭގައި ފީނަން އުޅުމުގެ ތެރޭގައި، މިޔަރެއް އޭނާގެ ކަނާތު ފައިގައި ދަތްއެޅިއެވެ.
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ރަޝިޔާގެ އިންފްލުއެންސަރު އަދި ލަވަކިޔުންތެރިޔާ ނަސްތިއާ ވިޓޮނޯވާ ރާއްޖޭގައި ފަތަން އުޅުނު ވަގުތު، މިޔަރެއް އޭނާގެ އަތުގައި ދަތްއެޅިއެވެ. އޭޕްރީލް މަހު، މޮސްކޯއަށް ނިސްބަތްވާ 30 އަހަރުގެ ޑެންޓިސްޓެއް ކަމަށްވާ އެކަޓެރީނާ އެލެކްސެންޑްރޯވާއަށް ވެސް، އޭނާ ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އެކުވެރިއަކާއެކު ސްނޯކަލްކުރަން އުޅުމުގެ ތެރޭގައި މިޔަރެއް ހަމަލާދީ، އަތަށް ގެއްލުންވިއެވެ.
ޕްރޮފެސަރ ކްލޫއާ ދަ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވީ، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އޭނާގެ ނަސޭހަތަކީ މިޔަރުތަކާ ދުރުގައި ތިބުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިޔަރަކީ ވަލު ޖަނަވާރެއް ކަމާއި އެއީ ޝިކާރަކުރާ އެއްޗެއްކަން ހަނދާން ނައްތާނުލައި، ދުރުން އޭތީގެ ރީތިކަން ބަލައިލުމަކީ ހަމައެކަނި ސަލާމަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އިޙްތިރާމާ ވެސް ގުޅިފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް