ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލީސް)
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅޭ ގޮތުން ޢާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން ނޫސް ބަޔާނެއް ނެރެފިއެވެ.
މިއަދު ނެރުނު އެ ބަޔާނުގައި ބުނީ، 4 އެޕްރީލް 2026 ގައި ލޯކަލް ކައުންސިލް އިންތިޚާބާ އެކު ކުރިއަށްދާ ފެންނަ ނުފެންނަ ވޯޓަކީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 10 ފެބުރުވަރީ 2026 ގައެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ އެ ބިލުގެ ދެ މަޤުޞަދެއް އެބައޮތް ކަމަށެވެ. ފުރަތަމަ މަޤުޞަދަކީ ރިޔާސީ އިންތިޚާބާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމެވެ. ދެވަނަ މަޤުޞަދަކީ އެ ދެ އިންތިޚާބު އެކީ ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި މަޖިލީހުގެ ދައުރު ގުނާ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ މަޖިލީހުގެ ޢުމުރު ފަސް އަހަރަށް ވުރެ ކުރުކުރުމެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙު ކުރާ ނަމަ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުން ލާޒިމުވެއެވެ. އެ ބިލުގައި އިޞްލާޙުކުރެވޭ 79 ވަނަ މާއްދާގެ (ހ) އެ ލިސްޓުގައި ހިމެނޭތީ، ވޯޓެއް ނެގުން ޤާނޫނީ ގޮތުން ލާޒިމުވީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި އިޖުރާއަތާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 16 ފެބުރުވަރީ 2026 ގައި ޤަރާރު ނަންބަރު 2/2026 ނެރުއްވައިފައެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނާ (ޤާނޫނު ނަންބަރު 2025/15) އެއްގޮތަށް އޮތް ސުވާލެއް ކަމަށާއި، ސަރުކާރުން މިހާތަނަށް ވެސް ޢަމަލުކޮށްފައިވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް