އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކުށުގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ނޭފަތުގެ ސާޖަރީއަކަށް ފަހު އިއްޔެ ގޭ ބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އަލުން ޖަލަށް ބަދަލުކޮށްފައިވާ ކަން "ދުވަހަ"ށް އެނގިއްޖެއެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބައްސާމް އިއްޔެ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ސާޖަރީއަށް ފަހު ހިރަފުހާ ދުރުގައި އުޅެން ޑޮކްޓަރު ލިޔުމުން ލަފާ ދިނުމުން، އެ ފަދަ ހާލަތުގައި ޢަމަލުކުރަން އޮންނަ ގަވާއިދާ އެއްގޮތަށެވެ. ނަމަވެސް ސާޖަރީއަށް ފަހު ދޭ ފަރުވާ ޖަލުގައި ބަހައްޓައިގެން ދެވޭނެ އިންތިޒާމު ހަމަޖެހުމާ އެކު އޭނާ މިއަދު ވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ.
ބައްސާމް ގޭ ބަންދަށް ބަދަލުކުރި ޚަބަރާ އެކު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ރޭ ވަނީ އަމާޒުވެފައެވެ.
ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން 32 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000 ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމުގެ ހަތަރު ދައުވާ ސާބިތުވެގެންނެވެ. ފުރަތަމަ ދައުވާގައި ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ ހުކުމްތައް މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް