N/A
އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ޚިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭން ނިންމައި، އެސްޓީއޯއިން މިއަދު ބަޔާނެއް ނެރެފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އިއްޔެ ބޮޑުކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ނެރުނު ބަޔާނުގައި ބުނީ، މާލެ ސަރަހައްދުގެ އެފްއެސްއެމް ފިއުލް ޝެޑްތަކުން ވިއްކާ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސަރުކާރުން މަސްވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ "ފަހިހަކަތަ" ޕްރޮގްރާމްގެ ދަށުން ސަބްސިޑީ ދީފައިވާ އަގުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ އެއްގޮތަށް ދެމިއޮންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ. އެ ކުންފުނިން ސިފަކުރި ގޮތުގައި މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން އެޅި ފިޔަވަޅުތަކެކެވެ.
މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01ރ. އަށެވެ. ޑީސަލް ލީޓަރެއް ލިބެނީ 17.54ރ. އަށެވެ. ފިނޭންސް ވުޒާރާގެ ވަޒީރު މޫސާ ޒަމީރު މި މަހުގެ 12 ވަނަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި، އެސްޓީއޯ މެދުވެރިކޮށް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާއިން ތެލުގެ އަގު ހިފެހެއްޓުމަށް ކްރޮސް ސަބްސިޑައިޒް ކުރާނެއެވެ. އެގޮތުން މި އަހަރު އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށް ވެސް ޒަމީރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް