ވަޒީރު އާދަމް ޝަރީފް އުމަރު -
ކުރިއަށް އޮތް ރަމަޟާން މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަޙުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު އާދަމް ޝަރީފު "އެކްސް"ގައި ހިއްސާކުރެއްވި ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ރަމަޟާން މަހު ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި ދީނީ އެއްބައިވަންތަކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.
އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދޭއިރު އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދިނުމަށާއި، މަގުތަކާއި އާންމު ތަންތަނުގައި ރަމަޟާން މަހުގެ ޙުރުމަތް ނުކެނޑޭ ގޮތަށް ފަތުރުވެރިންގެ ޢަމަލުތައް ބެހެއްޓުމަށް ބާރު އެޅުމަށް ވަޒީރު އެދިވަޑައިގެންފައިވެއެވެ. އަދި ރަމަޟާން މަހު ފަތުރުވެރިން ޢަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ މަޢުލޫމާތު ފަތުރުވެރިންނާ ހިއްސާކުރުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ވީމާ ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން، އިސްވެ ދެންނެވިފައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ކައުންސިލްތަކުން އެ ކަންކަމަށް ފާރަވެރިވުމަށް އިލްތިމާސް ކުރަމެވެ" ކަމަށް ވުޒާރާގެ ބަޔާނުގައި ވެއެވެ.
މާދަމާ ރޯދަކަން ކަށަވަރުވާނީ މިރޭ ހަނދު ބެލުމުގެ ރަސްމިއްޔާތަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް