N/A
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި މިއަދު ނިޔާވި ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ފެނުނީ ހޭ ނެތިފައި އޮއްވައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއަދުގެ ޑައިވުގައި އަށް ރެސްކިއު ޑައިވަރުން ފީނި ކަމަށެވެ. ޑައިވް ނިންމައި އެހެން ޑައިވަރުން މައްޗަށް އެރީމާ މަހުދީ މައްޗަށް ނާރާ ކަން އެނގުނު ކަމަށެވެ. ވަގުތުން އެހެން ޑައިވަރުން އަލުން ފީނައި ބެލި އިރު، މަހުދީ އޮތީ ހޭ ނެތިފައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މަހުދީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ނިޔާވީ ޑީކޮމްޕްރެޝަން ސިކްނެސް (ފީނުމާ ގުޅިގެން ޖެހޭ ޕްރެޝަރު ބަލި) ޖެހިގެން ކަމަށް ތަރުޖަމާނު ކަށަވަރު ކޮށްދެއްވިއެވެ. "މި ނިޔާވުމުން ދައްކައިދެނީ މި މިޝަންގެ ނުރައްކާތެރިކަން" ކަމަށް ވެސް ވިދާޅުވިއެވެ.
މަހުދީ އަކީ ހުކުރު ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސައިޓަށް ޒިޔާރަތް ކުރެއްވީމާ، ރެސްކިއު ޕްލޭން އެ މަނިކުފާނަށް ދެންނެވި ގުރޫޕުގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. މަހުދީ ނިޔާވުމާ ގުޅިގެން ސާޖަންޓް ފަސްޓް ކުލާސް އަށް ޕްރޮމޯޓް ކުރައްވައި، ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް