N/A
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އޮފީހެއް މިއަދު އުފައްދަވައިފިއެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ގާއިމުކުރެވިފައިވަނީ ރައީސް އޮފީހުގެ ބައެއްގެ ގޮތުގައެވެ. މި އޮފީހަކީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ސަރަހައްދާ ގުޅޭ ހުރިހާ ކަންކަމާއި މައްސަލަތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ގާއިމުކުރި އިދާރާއެކެވެ.
މި އޮފީހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދީ ބައުންޑަރީއާ ގުޅޭ ޚިލާފުތައް ޙައްލުކުރުމުގައި ކަމާ ބެހޭ ސަރުކާރު އިދާރާތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައެޅުމާއި، ބައުންޑަރީ މެޕްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މި އޮފީސް ގާއިމުކުރައްވާނެ ކަމުގައި ރައީސް ފުރަތަމަ ހާމަކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އިދާރާ ހިންގުމަށް ބޭނުންވާ އިންތިޒާމުތަކާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް