ޓީޗަރަށް ހަމަލަދިން ކުއްޖާއަކީ އެންގަރ މެނޭޖްމަންޓް އިޝޫ ހުންނަ ކުއްޖެއް - ޓީޗަރަށް ހަމަލަދޭވަރަށް ކުއްޖާ ރުޅިގަދަވީ ކުއްޖާއާ ޓީޗަރު މުޢާމަލާތް ކުރިގޮތުން: އެޑިއުކޭޝަން

ގދ. އަތޮޅު މަދަރުސާއެއްގެ ލެބުގައި ގްރޭޑް 8 ގެ ދަރިވަރަކު އިންޑިއާ ޓީޗަރަކަށް ޖިސްމާނީ އަނިޔާކޮށް ހޭނެތޭވަރު ކޮށްލި މައްސަލައާ ގުޅިގެން، އެ ދަރިވަރަކީ އެންގާ މެނޭޖްމަންޓް އިޝޫ ހުންނަ ކުއްޖެއް ކަމަށް ތ...

16 Apr 2026 | 07:11
N/A

N/A

ގދ. އަތޮޅު މަދަރުސާއެއްގެ ލެބުގައި ގްރޭޑް 8 ގެ ދަރިވަރަކު އިންޑިއާ ޓީޗަރަކަށް ޖިސްމާނީ އަނިޔާކޮށް ހޭނެތޭވަރު ކޮށްލި މައްސަލައާ ގުޅިގެން، އެ ދަރިވަރަކީ އެންގާ މެނޭޖްމަންޓް އިޝޫ ހުންނަ ކުއްޖެއް ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދުވަހަށް މަޢުލޫމާތު ދެމުން އެ ވުޒާރާއިން ބުނީ އެ ކުއްޖާ ދިރިއުޅެމުން ދަނީ ކުއްޖާގެ މާމަ ގާތުގައި ކަމަށެވެ. އަދި ޓީޗަރަށް ހަމަލަ ދޭ ވަރަށް ކުއްޖާ ރުޅިގަދަވީ ކުއްޖާއާ ޓީޗަރު މުޢާމަލާތުކުރި ގޮތުން ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

މި ހާދިސާ ހިނގީ މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ޓީޗަރާއި އެ ޓީޗަރުގެ ފިރިމީހާ އިންޑިއާގެ ބައެއް މީޑިއާތަަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ކްލާސް ގަޑީގައި ދަރިވަރު ކޮމްޕިއުޓަރުން ގޭމު ކުޅެނިކޮށް ތަކުރާރުކޮށް ހުއްޓުވަން މަސައްކަތް ކުރުމުން ވެސް ބޯނުލެނބުމުން، ޓީޗަރު އެ މަންޒަރު ރެކޯޑުކޮށް ޕްރިންސިޕަލަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދިނެވެ. އެ ހިސާބުން ދަރިވަރު ރުޅިގަދަވެ، ޓީޗަރުގެ ފޯނު ޖަހައިގަނެ އެއްލައިލުމަށް ފަހު ތަކުރާރުކޮށް މޫނުގައި ޖެހީ ކަމަށެވެ. ނޭފަތުން ލޭ އައިސް ޓީޗަރު ހޭނެތުނު ކަމަށެވެ.

އަނިޔާ ލިބުނީ ކެރެލާގެ ޗެންގައްނޫރަށް ނިސްބަތްވާ ސްމިތާ އެން. ޕިއްލައި (35 އ.) އަށެވެ. ނޭފަތުގެ ކަށިގަނޑު ބިނދިފައިވާ ކަމަށާއި 10 ދުވަހުގެ ތެރޭގައި ސާޖަރީ ހަދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ސްމިތާގެ ފިރިމީހާ ދީޕަކް ޝާޝީ ބުނެފައިވެއެވެ. ސްމިތާ މިހާރު ފަރުވާ ހޯދަމުން ދަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

ދީޕަކް ބުނެފައިވާ ގޮތުގައި އެޑިއުކޭޝަން ވުޒާރާއިން ވެސް ސްކޫލް މެނޭޖްމަންޓުން ވެސް މިހާތަނަށް ޢާއިލާއާ ގުޅާފައެއް ނުވެއެވެ. އިންޑިއާގެ ޔޫނިއަން މިނިސްޓަރު ސުރެޝް ގޯޕީ ވެސް މި މައްސަލައިގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަން ހައި ކޮމިޝަނަރު ދެއްވާފައިވާ ކަމަށް ދީޕަކް ބުންޏެވެ.

ހަމަލާ ދިން ދަރިވަރު ސްކޫލުން ވަނީ އެއް ހަފުތާއަށް ސަސްޕެންޑުކޮށް ކައުންސެލިންއަށް ފޮނުވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް