ސަނީ އުމަރުގެ މައްޗަށް 44 އަހަރުގެ ޖަލު ހުކުމް އަންނަ ފަދަ ފަސް ދައުވާއެއް އުފުލައިފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ކުރަން ޕްރޮސިކިއ...

16 Mar 2026 | 17:29
N/A

N/A

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ސަނީގެ މައްޗަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ތިން ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. ޖިންސީ ގޯނާގެ ފުރަތަމަ ދައުވާ އުފުލީ ފިރިހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން ފެށިގެން އޮގަސްޓު 2025 އާ ހަމައަށް އެކި ދުވަސް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާތީ ކަމަށް ޕީޖީން ބުންޏެވެ. ދެވަނަ ދައުވާ އުފުލީ އަންހެން ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ކަމަށް ތުހުމަތުކޮށެވެ. ތިންވަނަ ދައުވާ އުފުލީ ވެސް އެހެން އަންހެން ކުއްޖެއްގެ އުމުރުން ނުވަ ނުވަތަ 10 އަހަރުގައި ހަމަ އެ ކުށް ކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
އަދުލު އިންސާފަށް ހުރަސްއެޅުމުގެ ދައުވާ އުފުލީ ކްރިމިނަލް ކޯޓުން ސަނީގެ ފޯނު ފުލުހުންނާ ހަވާލުކުރަން އަމުރުކޮށްފައި ވަނިކޮށް، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ހަވާލުނުކޮށް ހުރުމުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލީ އޭނާ ގެންގުޅުނު ކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރި ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭ ގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދުލު އިންސާފަށް ހުރަސްއެޅުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހެވެ. ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތައް ސާބިތުވެއްޖެ ނަމަ ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ކަނޑައެޅުމަށް އެދޭނެ ކަމަށާއި، އެ ހާލަތުގައި ސަނީގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރު މި ވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް