N/A
ސްޓްރެއިޓް އޮފް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބެހެއްޓުމަށް ހަނގުރާމަ މަނަވަރު ފޮނުވައިދޭން ނޭޓޯ ޤައުމުތަކާއި ޗައިނާ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކެއްގެ ކިބައިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދި، އެކަމަށް އެއްބާރުލުން ނުދީފި ނަމަ ނޭޓޯގެ މުސްތަޤުބަލު "ވަރަށް ގޯސްވާނެ" ކަމުގެ އިންޒާރު ދީފިއެވެ.
ނަމަވެސް މިހާތަނަށް އެއްވެސް ޤައުމަކުން ރަސްމީކޮށް މަނަވަރު ފޮނުވާނެ ކަމަކަށް ނުބުނެއެވެ.
ފައިނޭންޝަލް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ޔޫކްރެއިން ހަނގުރާމައިގައި ނޭޓޯ އަށް އެމެރިކާ އެހީވި ކަމަށާއި، ދެން ބަލަން ބޭނުންވަނީ އެ ޤައުމުތަކުން އެމެރިކާ އަށް އެހީވޭތޯ ކަމަށެވެ.
ޓްރޫތް ސޯޝަލްގައި ޓްރަމްޕް ބުނީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން މަނަވަރު ފޮނުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ހަތް ޤައުމަކާ ވާހަކަދެއްކި ކަމަށާއި "ކޮންމެވެސް ވަރެއްގެ ޕޮޒިޓިވް ރެސްޕޮންސެއް" ލިބުނު ކަމަށް ބުންޏެވެ. ނަމަވެސް ކޮން ޤައުމެއް ކަމެއް ނުބުނެއެވެ.
އެހެން ނަމަވެސް ޤައުމުތަކުގެ ޖަވާބު ފެންނަނީ ވަރަށް ފިނިކޮށެވެ. ޖަޕާނުގެ ބޮޑުވަޒީރު ސަނައެ ޓަކައިޗީ ހޯމަ ދުވަހު ބުނީ "މަނަވަރު ފޮނުވުމާ ގުޅޭ އެއްވެސް ނިންމުމެއް ނުނިންމާ" ކަމަށާއި، ޖަޕާނުގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުރެވޭނެ ކަމެއް ބަލަމުންދާ ކަމަށެވެ. އޮސްޓްރޭލިއާ ސީދާ ދެކޮޅު ހެދީއެވެ. ޓްރާންސްޕޯޓް ވަޒީރު ކެތެރީން ކިންގް ބުނީ "ހޯމޫޒް ކަނޑުއޮޅި ދޮށަށް މަނަވަރެއް ނުފޮނުވާނެ" ކަމަށެވެ. އިނގިރޭސި އެނާޖީ ވަޒީރު ބުނީ "އިންޓެންސިވްކޮށް ބަލަމުންދާ" ކަމަށެވެ. ދެކުނު ކޮރެއާ ބުނީ "ރަނގަޅަށް ރިވިއުކުރާނެ" ކަމަށެވެ. ފްރާންސުން ބުނީ އެ ޤައުމުގެ މަނަވަރުތައް މެޑިޓެރޭނިއަންގައި "ޑިފެންސިވް" ޕޮސްޗާގައި ބައިތިއްބާނެ ކަމަށެވެ. ޗައިނާ އިން ހަނގުރާމަ ހުއްޓާލަން ގޮވާލީއެވެ.
ޓްރަމްޕް ޗައިނާ އަށް ވެސް ޕްރެޝަރު ކުރަމުންދާއިރު، ފައިނޭންޝަލް ޓައިމްސް އަށް ބުނީ މި މަހު ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ސަމިޓް ފަސްކޮށްފާނެ ކަމަށެވެ. ކަނޑުއޮޅިން ދަތުރުކުރާ ތެލުން ޗައިނާ ގެ 90 އިންސައްތަ ބޭނުންކުރާ ކަމަށް ޓްރަމްޕް ބުންޏެވެ.
ފާހަގަކޮށްލެވެނީ އިންޑިއާ ތަފާތު މަގެއް ޚިޔާރުކުރި ކަމެވެ. ޓްރަމްޕްގެ ކޯލިޝަނާ ގުޅުމުގެ ބަދަލުގައި ސީދާ އީރާނާ ވާހަކަދައްކައިގެން، އިންޑިއާގެ ދެ ގޭސް ޓޭންކަރު ހޮނިހިރު ދުވަހު ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ހުރަސްކުރިއެވެ. ފައިނޭންޝަލް ޓައިމްސް އަށް ވާހަކަދައްކަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރް ބުނީ އީރާނާ ދެކެވޭ ވާހަކަތަކުން "ނަތީޖާ ނެރެވެމުންދާ" ކަމަށެވެ.
ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދައުރުވާ ހޮރްމޫޒް ކަނޑުއޮޅި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ވިޔަފާރީ ބޯޓުފަހރަށް ބަންދުވެފައި ވާއިރު، ގާތްގަނޑަކަށް 1،000 ތެޔޮ ޓޭންކަރު ކަނޑުއޮޅި ހުރަސްނުކުރެވި ތާށިވެފައި އެބައޮތެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޣްޗީ ބުނީ ކަނޑުއޮޅި ބަންދުކޮށްފައި ވަނީ ހަމައެކަނި "ދުޝްމަނުންނާއި އެމީހުންގެ ބައިވެރީންގެ" ބޯޓުފަހަރަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް