ބޭރުމަގުގެ ތާރުއަޅާފައި އޮތް ސަރަހައްދު ހުޅުވާލައިފި

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. ބާޒާރުމަތީ ސަރަހައްދު...

16 Feb 2026 | 05:49
އެ ސަރަހައްދު ހުޅުވާލާފައި - ފޮޓޯ: ދުވަސް

އެ ސަރަހައްދު ހުޅުވާލާފައި - ފޮޓޯ: ދުވަސް

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ

ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އެ ސަރަހައްދު އާންމު

ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.

ބާޒާރުމަތީ ސަރަހައްދުގެ މަގު

ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 9 ވަނަ

ދުވަހުއެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު

ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅައިގެން ތަރައްޤީ

ކޮށްފައެވެ. މަގު ފުޅާކުރުމުގެ ގޮތުން ފަޅުތެރެއިން ބައެއް ހިއްކައިގެން 6

މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައިވެއެވެ. މިއާއެކު، ކުރިން އެއްކޮޅަށް

ދަތުރުކުރާ ގޮތަށް އޮތް މި މަގު މިހާރު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް

ބަދަލުކޮށްފައެވެ.

މަގު ހުޅުވުމުގެ ކުރިން އެ ސަރަހައްދު ފެހިކުރުމުގެ ގޮތުން ބޭއްވި ގަސް

އިންދުމުގެ ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުންނާއި އިސްވެރިންގެ އިތުރުން

އެމްޓީސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަސައްކަތަކީ

ރަމަޟާން މަހުގެ ކުރިން ނިންމުމަށް އެމްޓީސީސީން އަމާޒު ހިފާފައިވާ މަސައްކަތެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.

އަބްދުﷲ މުއްތަލިބު ވިދާޅުވީ، މަގު ފުޅާކޮށް ދެކޮޅަށް ދުއްވާ ގޮތަށް

ހަމަޖެއްސުމުން ބާޒާރުމަތީގެ ބާރުބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް

ލިބޭނެ ކަމަށެވެ. "މި ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގަ އޮތް

ސަރަހައްދެއް، އެހެންނަމަވެސް އޭގެ ސަބަބުން ބައިވަރު ދަތިތަކާ ކުތިމަތިވާތީވެ ސަރުކާރުން

މި މަގު ފުޅާކޮށް، ދެ ކޮޅަށް ދުއްވާ މަގެއްގެ ގޮތުގަ މި ކަނޑައަޅަނީ" ވަޒީރު

ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އެކި ފިޔަވަހިތަކަށް

ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރަސްމީ

ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 140 މީޓަރުގެ

މަސައްކަތް ނިންމައި ކުރިން ވަނީ ހުޅުވާލާފައެވެ. މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު

ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް

ތަރައްޤީ ކުރާނެއެވެ.

މި މަޝްރޫޢު ނިމުމުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން

ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި

ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް