N/A
އެމްޕީއެލްގެ ހުޅުމާލެ ޕޯޓުން ދެ ކޮންޓޭނަރު ސިނގިރޭޓު
ވަގަށްނެގި މައްސަލައިގާ ދަޢުވާކުރަން ފޮނުވައިފިއެވެ.
ދަޢުވާކުރަން ފޮނުވާފައިވަނީ މުޙައްމަދު ވަޙީދު (ދިގަލި)
އާއި އަޙްމަދު ޢާރިފް (އާއްޓެ) އާއި މުޢާޒް އަލީ އާއި ޒިވާރު އިސްމާޢީލް އާއި އަޙްމަދު
ޝަހީމް އާއި އަޙްމަދު ފިރްސާން އާއި ޙުސައިން ސާމިޙު އާއި އާދަމް ވަޙީދުއާއި ޙަސަން
ޢަބްދުއްރަޙްމާން އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުޙައްމަދު އަލަމިން މިއާގެ
މައްޗަށެވެ.
ޕީޖީ އޮފީހުން ބުނެފައިވާގޮތުގައި
26 އެޕްރީލް 2025 ދުވަހު ދިވެހިރާއްޖެއަށް ސިއްރުން
އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް
ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް
ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 11 (އެގާރަ) މީހެއްގެ މައްޗަށް
ދަޢުވާކުރުމަށް އެދި 3 ޑިސެންބަރު 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން މި އޮފީހަށް
ހުށަހަޅާފައިވެއެވެ.
"މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް
އަންނަނިވި ދަޢުވާތައް ކުރުމަށް 15 ޑިސެންބަރު 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފީމެވެ."
ޕީޖީއިން ބުނެފައިވެއެވެ.
އުފުލި ދަޢުވާތަކަށް ބަލައިލާއިރު ދިގަލި އާއި
އާއްޓެއާއި މުޢާޛުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް
ހުއްދަ ނޫންގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ
ދަޢުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރު
ހިންގުމުގައި ބައިވެރިވުމާއި ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުށުގެ
ދަޢުވާއެވެ.
ޒިވާރާއި ޝަހީމް އާއި ފިރުސާންގެ މައްޗަށް
އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި
ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް
ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ
ދަޢުވާއެވެ.
ސާމިޙުއާއި އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ
އެހެން މީހެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަން
ކުރުމުގެ ދަޢުވާއެވެ.
ޙަސަން ޢަބްދުއްރަޙްމާނާއި އަލަމިން މިއާގެ
މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން
ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަން ކުރުމުގައި ބައިވެރިވުމުގެ
ކުށުގެ ދަޢުވާއެވެ.
"މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު
ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ
މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންގެ
ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެ" ޕީޖީއިން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި އެހެން
މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ
ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް
ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ
އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށާއި އަދި މި ދަޢުވާތަށް
ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް
ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް އެދޭނެކަމުގައިވެސް
ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް