N/A
ގދ. އަތޮޅު މަދަރުސާއެއްގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް ގްރޭޑް 8 ގެ ދަރިވަރަކު ޖިސްމާނީ އަނިޔާކޮށް ހޭނެތޭވަރު ކޮށްލި މައްސަލައެއް ފެންމަތިވެފައިވާއިރު މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހުގެ 11:46 ގައި ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނީ ކެރެލާގެ ޗެންގައްނޫރަށް ނިސްބަތްވާ ސްމިތާ އެން. ޕިއްލައި (35 އ.) އަށެވެ. އޭނާ އެ ސްކޫލުގައި ކިޔަވައިދެމުން ގެންދަނީ މިދިޔަ އަހަރުން ފެށިގެންނެވެ.
އިންޑިއާގެ މީޑިއާއާ ވާހަކަ ދައްކަމުން ސްމިތާ ބުނެފައިވާ ގޮތުގައި، އެ ދުވަހު ކްލާސް ގަޑީގައި އެ ދަރިވަރު ލެބުގައި ކޮމްޕިއުޓަރުން ގޭމު ކުޅެން ހުއްޓައި ތަކުރާރުކޮށް ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ދަރިވަރު އެކަމަށް ބޯނުލެނބުމުން، ގޭމު ކުޅޭ މަންޒަރު ފޯނުން ރެކޯޑުކޮށް ޕްރިންސިޕަލަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދިނީއެވެ. އެ ހިސާބުން ދަރިވަރު ރުޅިގަދަވެ، ފުރަތަމަ ފޯނު ޖަހައިގަނެ އެއްލައިލީއެވެ. އެއަށް ފަހު މޫނުމަތީ ތަކުރާރުކޮށް ޖެހީއެވެ. އިސްތަށިގަނޑުގައި ހިފައި ދެމިއެވެ. ނޭފަތުން ލޭ އައިސް ސްމިތާ ހޭނެތުނެވެ. ސްކޫލުގެ އެހެން މުވައްޒަފުން އައިސް ދަރިވަރު ހިފެހެއްޓުމަށް ފަހު ސްމިތާ ހޮސްޕިޓަލަށް ގެންދިޔައެވެ.
ސްމިތާގެ ފިރިމީހާ ދީޕަކް ޝާޝީ ބުނީ ނޭފަތުގެ ކަށިގަނޑު ބިނދިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި 10 ދުވަހުގެ ތެރޭގައި ސާޖަރީ ހަދަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ބޭނުންވާ ފެންވަރުގެ ފަރުވާ ލިބެން ނެތުމުން ސާޖަރީ ހެދުމަށް އިންޑިއާއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ވެސް ދީޕަކް ބުންޏެވެ. ފުލުހުން ބުނީ ސްމިތާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
ދީޕަކް ބުނީ ރާއްޖޭގެ އެޑިޔުކޭޝަން ވުޒާރާއިން ވެސް އަދި ސްކޫލް މެނޭޖްމަންޓުން ވެސް މިހާތަނަށް އެ ޢާއިލާއާ ގުޅާފައި ނުވާ ކަމަށެވެ. އިންޑިއާއަށް ފުރުމުގެ ކުރިން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ރަސްމީ ޝަކުވާއެއް ހުށަހަޅާނެ ކަމަށް ވެސް ދީޕަކް ބުންޏެވެ. އިންޑިއާގެ ޔޫނިއަން މިނިސްޓަރު ސުރެޝް ގޯޕީ ވެސް މި މައްސަލައިގައި ހައި ކޮމިޝަނަރާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހައި ކޮމިޝަނަރު ދެއްވާފައިވާ ކަމަށް ދީޕަކް ބުންޏެވެ.
ހަމަލާ ދިން ދަރިވަރު ސްކޫލުން ވަނީ އެއް ހަފުތާއަށް ސަސްޕެންޑުކޮށް ކައުންސެލިންއަށް ފޮނުވައިފައެވެ. ނަމަވެސް އެ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރުން ވަނީ އެޅި ފިޔަވަޅާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެ ސްކޫލުގައި ގާތްގަނޑަކަށް 15 މަލަޔާލީ ޓީޗަރުން ކިޔަވައިދެއެވެ. ހަމަ އެ ސްކޫލުގައި އެހެން ދަރިވަރަކު ވެސް މަލަޔާލީ ޓީޗަރަކަށް "ދެން ޖެހޭނީ ކަލޭ ގައިގައި" ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް