ވަޠަނީ ޚިދުމަތުގެ ބިލު ކޮމިޓީއަށް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. ކުޅުދު...

15 Apr 2026 | 10:43
N/A

N/A

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ވަޠަނީ ޚިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދަކީ ޤައުމަށް ފައިދާހުރި ޖީލެއް ބިނާކުރުމަށްޓަކައި ޒުވާނުންގެ ޖިސްމާނީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ.

މި ބިލުގައިވާ ގޮތުން، އަސާސީ ތަޢުލީމާއި ތަމްރީނުގެ އިތުރުން ދައުލަތުގެ ޔުނިފޯމް އެޅި މުއައްސަސާއެއްގައި ޚިދުމަތްކުރުން ހިމެނޭހެން ޚާއްސަ ޕްރޮގްރާމެއް ހިންގަންޖެހެއެވެ. މި ޕްރޮގްރާމް ބިނާވެގެންވަނީ އިސްލާމީ އަގުތަކަށް ބޯލަނބާ، ޤައުމިއްޔަތަށް ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމުގެ މައްޗަށެވެ. އުމުރުން 16 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ ރުހުމާއެކުގައެވެ. އަދި ބައިވެރިވާ ހުރިހާ ޒުވާނުންނަކީވެސް ސިއްޙީ ގޮތުން އެކަމަށް ޤާބިލު ބައެއްކަން ކަނޑައެޅޭ މެޑިކަލް ޓެސްޓުތަކުން ކަށަވަރުކުރަންޖެހެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ ކެއުމާއި، ހުރުމާއި، ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ދިފާޢީ ވުޒާރާއިންނެވެ. މީގެ އިތުރުން ބައިވެރިންނަށް އެކަށީގެންވާ މާލީ އިނާޔަތެއްވެސް ދޭންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ތަމްރީނުތައް ނިންމުމަށްފަހު، އެއް އަހަރަށްވުރެ ދިގުނުވާ މުއްދަތަކަށް ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތްކުރަންޖެހޭއިރު، އެ މުއްދަތު ނިމުމުން އެ މުއައްސަސާތަކުން ދާއިމީ ވަޒީފާ ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

މި ނިޒާމު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ޚާއްސަ ގަވަރނިން ކައުންސިލެއް އެކުލަވާލެވޭނެއެވެ. މި ކައުންސިލްގައި ދިފާޢީ ވަޒީރާއި، ދާޚިލީ ވަޒީރާއި، މާލީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ޕޮލިސް ކޮމިޝަނަރު ހިމެނިވަޑައިގަންނަވާނެއެވެ. މި ކައުންސިލްގެ ނައިބު ރައީސަކީ ދިފާޢީ ވަޒީރު ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް