ގިރާވަރުފަޅުން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ: ވަޒީރު މުއްޠަލިބް

ގިރާވަރުފަޅު ހިއްކުމުގެ ބޮޑު މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 98 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބް ހާމަ...

15 Apr 2026 | 06:15
ވަޒީރު މުއްޠަލިބް މަޖިލީހުގައި

ވަޒީރު މުއްޠަލިބް މަޖިލީހުގައި

ގިރާވަރުފަޅު ހިއްކުމުގެ ބޮޑު މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމްލަ 98 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ފަޅުން މުޅިއަކު 169 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަސައްކަތުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް ހިއްކިފައިވަނީ އެންމެ 54 ހެކްޓަރެވެ. ކުރީގެ ކޮންޓްރެކްޓަރާއެކު ދިމާވި ދަތިތަކާއި މަސައްކަތް ލަސްވުމުގެ ސަބަބުން، މިހާރު މި މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ. އެމްއޭސީއެލް އިން މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު މަސައްކަތް ފަށައި، މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އިތުރު 44 ހެކްޓަރު ވަނީ ހިއްކާފައެވެ. ވަޒީރު ލަފާކުރައްވާ ގޮތުގައި އަންނަ މެއި މަހުގެ ނިޔަލަށް ބާކީ އޮތް ބައި ހިއްކައި މުޅިން ނިންމާލެވޭނެއެވެ.

ގޯތި ދޫކުރުމުގެ ކަންކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިން 5000 ގޯތި ދޫކުރަން ރޭވި ނަމަވެސް ޖާގައިގެ ދަތިކަމާހުރެ 1000 އެއްހާ ގޯތި މިހާރު ވަނީ ގުޅީފަޅަށް ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބިން ނުހިއްކައި ރަޖިސްޓްރީ ދޫކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މި ސަރުކާރުން އާ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި، ބިން ހިއްކައި ނިމުމާއެކު ރަސްމީކޮށް ރަޖިސްޓްރީ ހަވާލުކުރާނެ ކަމުގެ ޔަގީންކަން މުއްޠަލިބް ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް