ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އައު މާރުކޭޓެއް އެޅުމަށް ހަވާލުކޮށްފި

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓެއް ބިނާކުރުމަށް 127 މިލިއަން ރުފިޔާއަށް އަމިއްލަ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ. "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގ...

15 Mar 2026 | 18:14
މާލޭގެ މަސް މާރުކޭޓު ތަރައްޤީކޮށް ނިމުމުން އެތަން ފެންނާނެ ގޮތުގެ ތަޞައްވުރެއް

މާލޭގެ މަސް މާރުކޭޓު ތަރައްޤީކޮށް ނިމުމުން އެތަން ފެންނާނެ ގޮތުގެ ތަޞައްވުރެއް

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައި ޒަމާނީ އާ

މާރުކޭޓެއް ބިނާކުރުމަށް 127 މިލިއަން ރުފިޔާއަށް އަމިއްލަ ކުންފުންޏަކާ

ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.

"މާލެ ވެޓް މާކެޓް ކޮމްޕްލެކްސް"

ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ވަނީ ޓްރަސްޓްއެންޖް

މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރަން ހަވާލުކުރުން /ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ

ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. ޓްރަސްޓްއެންޖް މޯލްޑިވްސްގެ ފަރާތުން

ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީއެވެ. މި

މަޝްރޫއުގެ ޖުމްލަ އަގަކީ 126,359,594.94 ރުފިޔާ ކަމަށްވާއިރު، މި މަސައްކަތް

ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

މާލޭގެ މަސް މާރުކޭޓު ތަރައްޤީކޮށް ނިމުމުން އެތަން ފެންނާނެ ގޮތުގެ ތަޞައްވުރެއް /ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ

މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ

ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެކެވެ. އިމާރާތުގެ ބޭސްމަންޓް

ޕާކިންއަށް ހާއްސަކޮށްފައިވާއިރު، ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ މަސް

މާރުކޭޓަށެވެ. ފުރަތަމަ ތިން ބުރި ތަރުކާރީ އާއި މޭވާގެ މާރުކޭޓަށް

ހާއްސަކޮށްފައިވާއިރު، ހަތަރުވަނަ ބުރީގައި ފުޑް ކޯޓެއް ހިންގުމަށް ވަނީ

ރޭވިފައެވެ. މިނިސްޓްރީން ވަނީ މިއަދު މި މާރުކޭޓުގެ ޑިޒައިން ދައްކުވައިދޭ މޮޑެލް

ކުރެހުންތައް ވެސް އާންމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން

ވިދާޅުވެފައިވާ ގޮތުގައި، އާ މާރުކޭޓުގެ މަސައްކަތް ކުރިއަށްދަނީ ޖަޕާނު

ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި

ހުންނެވިއިރު ފެއްޓެވި އާ މަސް މާރުކޭޓު އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ

މެދުކެނޑިފައި އޮތުމަށްފަހު، މިހާރު މިވަނީ އަމަލީ މަސައްކަތް ފެށުމަށް

ތައްޔާރުވެފައެވެ.

މާލޭގެ މަސް މާރުކޭޓު ތަރައްޤީކޮށް ނިމުމުން އެތަން ފެންނާނެ ގޮތުގެ ތަޞައްވުރެއް /ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ

ރައީސް ވިދާޅުވި ގޮތުގައި، އާ މަސް މާރުކޭޓު ބިނާކުރާނީ

ކުރިން ވެސް ރޭވިފައިވާ ގޮތަށް، މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. އަދި

މިހާރު މަސް މާރުކޭޓު ހުރި ބިމުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ

ކުންފުނިތަކާއި ޖަމިއްޔާތަކަށް އޮފީސް ޖާގަ ލިބޭނެ ގޮތަށް އާ އިމާރާތެއް އެޅުމުގެ

މަސައްކަތް ވެސް ސަރުކާރުން ދަނީ ރާވަމުންނެވެ.

މި މަޝްރޫއު ނިމުމުން ދަތުރުވެރިންގެ މާރުކޭޓާއި މަސް

މާރުކޭޓުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ޒަމާނީ ފެންވަރެއްގައި

ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއީ މާލޭގެ މާރުކޭޓު ސަރަހައްދު ތަރުތީބުކޮށް،

ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށް

ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް