މަންޒަރު ސިފަކޮށްދިނުމަށް ދުވަހުގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މާލޭ މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ގޮސް، އެ ކުދިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ ކަމަށެވެ. އެ ކުދިން ރޭ ވަނީ ބެލެނިވެރިންނާ ހަވާލުކުރެވިފައެވެ.
ނަމަވެސް މި ހާދިސާއާ ގުޅިގެން ކުއްޖެއްގެ ބެލެނިވެރިއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރޭ 21:20 އިން 22:33 އާ ދެމެދު މަސްވެރިންގެ ޕާކުގައި އިށީނދެލައިގެން ތިބި 18 އަހަރުން ދަށުގެ ކުދިންތަކެއް ފުލުހުން "ޑިޓެއިން" ކުރި ކަމަށެވެ. އެ ވަގުތު ފުލުސް އޮފިސަރަކު، ބެލެނިވެރިއަކަށް ގުޅައިގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
ބެލެނިވެރިޔާ ބުނެފައިވާ ގޮތުގައި، 21:30 އަކީ ދަންވަރުގެ ވަގުތެއް ނޫން ކަމަށާއި، ކުށްވެރިންނާ މެދު އަމަލުކުރާ އުސޫލުން ކުޑަކުދިން ގެންގުޅެ ދެ ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ބޭންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކުގައި ހަރުދަނާ ފިޔަވަޅު އެޅުމަކީ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް