ދިވެހި ޢާއިލާތަކެއް - ފައިލް ފޮޓޯ: ދުވަސް
ދެ އަހަރު ނުފުރޭ ދަރިން ތިބި މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސްވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީގުކުރައްވައިފިއެވެ.
ވަޒީފާއާ ބެހޭ ޤާނޫނު ކުރިން އޮތް ގޮތުން، ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސްވަގުތުކޮޅެއް އަންހެން މުވައްޒަފުންނަށް ލިބެނީ ދަރިފުޅަށް އެއް އަހަރު ފުރެންދެނެވެ. ނަމަވެސް މި އިސްލާހާ އެކު، ކުއްޖާއަށް ދެ އަހަރު ވަންދެން އެ ހުސްވަގުތު ލިބޭނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ. މި ބިލުގައި މުވައްޒަފުން ވަކިކުރުމުގެ ނޯޓިސް ދިނުމާއި އިތުރު ގަޑީގެ ފައިސާއަށް ވެސް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، އެއް އަހަރަށް ވުރެ ކުރު މުއްދަތެއްގެ ވަޒީފާގެ އެއްބަސްވުމެއް ހެދިފައިވާ މުވައްޒަފަކު ވަކިކުރާ ނަމަ ދެ ހަފުތާގެ ނޯޓިސް ދޭންޖެހެއެވެ. އަދި އިތުރު ގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވަން ޖެހޭނީ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމުގެ ކުރިން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް ވަނީ ހިމަނައިފައެވެ. އެގޮތަށް އިސްތިސްނާ ދެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުޞަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާ އެކު، ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ އެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް