މާކެޓްޕްލޭސްގައި ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ...

15 Feb 2026 | 07:14
ފޮޓޯ: ފުލުހުން

ފޮޓޯ: ފުލުހުން

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓުއަމުރެއްގެ ދަށުން ކަމަށެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ނަދީފް މުޙައްމަދު ހައްޔަރުކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް