ޢުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ބެލިސްޓިކް މިސައިލުން އީރާނުން ހަމަލާދީފި

ޢުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލުން ހަމަލާދިން ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އިން ބުނެފައިވާއިރު، ޢުރުދުންގެ އަސްކަރިއްޔާއިން ބު...

14 Jul 2026 | 08:10
N/A

N/A

ޢުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލުން ހަމަލާދިން ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އިން ބުނެފައިވާއިރު، ޢުރުދުންގެ އަސްކަރިއްޔާއިން ބުނީ، އީރާނުގެ ސަރަޙައްދުން އައި ހަތަރު މިސައިލެއް ވައިގެ ސަރަޙައްދުން ވައްޓާލި ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފެށި 5 ގަޑިއިރުގެ ހަމަލާތަކުގެ ބުރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން ނިންމާލައިފިއެވެ. މިއީ ވިދިވިދިގެން އީރާނަށް ހަމަލާދިން ތިންވަނަ ރެއެވެ.

ސްޓްރެއިޓް އޮފް ހޮރްމުޒް ބަލަހައްޓަން 20 އިންސައްތައިގެ ފީއެއް ނަގަން ހުށަހަޅައި، އީރާނުގެ ބޯޓުފަހަރަށް ދަތިކުރުމުގެ ފިޔަވަޅު ޓްރަމްޕް އަލުން ފެށިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ބުނީ، ސްޓްރެއިޓް ބަލަހައްޓާ ފަރާތަކީ އަބަދުވެސް އީރާން ކަމަށާއި، 20 އިންސައްތައިގެ ފީއަކީ މާ ބޮޑު އަދަދެއް ކަމަށެވެ.

ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނީ، ސްޓްރެއިޓް އޮފް ހޮރްމުޒުގެ ދެކުނު ލޭނުން ދަތުރުކުރަމުން ދިޔަ ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުގެ ކްރޫޒް މިސައިލުން ހަމަލާދިން ކަމަށެވެ. އައިއާރުޖީސީން ބުނީ، ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް ނެވިގޭޝަން ސިސްޓަމް ނިއްވާލި ދެ ސުޕަޓޭންކަރެއް ހަމަލާދީ ހުއްޓުވި ކަމަށެވެ.

އީރާނުގައި ހިނގި ހަމަލާތަކުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށާއި، ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގު 3 އިންސައްތަ މައްޗަށް ޖެހި، ފާއިތުވި 4 ހަފުތާގެ އެންމެ މަތީ އަގަށް އަރައިފިއެވެ.

ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގައި، އެމެރިކާ-އިސްރާއީލުގެ ހަމަލާތަކާއި އީރާނުގެ ރައްދު ހަމަލާތަކުގައި ހާސްބައި ބަޔަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ބިކަވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް