ރައީސް މިރޭގެ ޖަލްސާގައި -
އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް އަރަބިއްޔާ ސްކޫލް ތަޅާލައި، އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ރެފިއުޖީންނަށް ހެދި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދީފައި އޮތީ ދެ ރާސްތާއެއް ކަމަށެވެ. އެއީ ގެއްލުމާއި ހަލާކުގެ ރާސްތާ އާއި ކާމިޔާބީގެ ރާސްތާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނީ "ފަނާކުރަނިވި" ފިކުރު ކަމަށް ސިފަކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާ ހަމައަށް އަރަބި އިސްލާމީ ތަޢުލީމު ނައްތާލަން މަސައްކަތްކުރި ކަމަށެވެ. "އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން އަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ؟ ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން" ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުގެ "ބިނާކުރަނިވި" ފިކުރުން އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައި، ސްކޫލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ބޭނުންކުރަން ފެށީ 2013 ވަނަ އަހަރުއެވެ. ތަނބުތަކުގައި ރެނދުލައި، ރައްކާތެރި ނޫން ކަމަށް ކަނޑައެޅުމާ ގުޅިގެން ޖެނުއަރީ 2023 ގައި ކިޔެވުން އެހެން ތަނަކަށް ބަދަލުކުރިއެވެ. ކުރީ ސަރުކާރުން ހަ ފަންގިފިލާއަށް އެޅުމަށް ނިންމި ނަމަވެސް، މި ސަރުކާރުން ނިންމާފައިވަނީ 10 ފަންގިފިލާގެ އިމާރާތެއްގެ ގޮތުގައި، 42 ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލަކާއި ހަތަރު ލިފްޓާއި އަންޑަ ގްރައުންޑް ޕާކިން ހިމެނޭ ގޮތަށް އެޅުމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްސީސީއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް