N/A
އެމްޑީޕީގެ ޗެއާޕާސަންކަމާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިންތިޚާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމާ ބައްދަލުކުރައްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ޗެއާޕާސަން އިންތިޚާބު ނަޝީދު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. ނަޝީދަށް 21,000 ވޯޓު ލިބިވަޑައިގެންނެވިއިރު، މީކާއިލަށް ލިބިވަޑައިގެންނެވީ 9,000 ވޯޓެވެ.
މިއަދުގެ ބައްދަލުވުމުގައި ނަޝީދު ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް ސާބަސް ދެއްވާފައެވެ. ނަޝީދު ވިދާޅުވީ މީކާއިލް ވަރަށް ރަނގަޅު މަސައްކަތެއް ކުރައްވާފައިވާ ކަމަށާއި، ކެމްޕެއިންގައި ވަރަށް ރަނގަޅު "ފައިޓެއް" ދެއްވި ކަމަށެވެ. އިންތިޚާބުވުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގައި ވެސް ނަޝީދު ވަނީ މީކާއިލްގެ ހިތްވަރު ފާހަގަކުރައްވައި، ޒުވާނުން އެކަމުން މިސާލު ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އިންތިޚާބަށް ފަހު މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނަޝީދަށް ފޯނުން ގުޅުއްވައި މަރުޙަބާ ދެންނެވި ކަމަށެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާ ވެސް ބައްދަލުކުރައްވާފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވެސް ބައްދަލުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޗެއާޕާސަން އިންތިޚާބުގައި މީކާއިލަށް ތާއީދުކުރެއްވީ ޞާލިޙުގެ ފެކްޝަނުގެ ބޭފުޅުންނެވެ. ނަޝީދު ނުކުންނެވީ ފައްޔާޒާ އެކު "ބޮޑު ބަދަލު"ގެ ތަސައްވުރަކާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް