N/A
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުގެ ސީދާ މަންދޫބުންނާ ބައްދަލުވެ، ތަޢުލީމީ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އެއް ތަނަކުން ލިބޭނެ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޓަޑީ ފެއާ މި މަހުގެ 18 ވަނަ ދުވަހު ފަށާނެއެވެ.

މައި ކިއުސްޓަޑީން އިންތިޒާމުކުރާ މި ފެއާ ތިން ދުވަހަށް ކުރިއަށްދާނެއެވެ. މި މަހުގެ 18 އާއި 19 ވަނަ ދުވަހު ފެއާ އޮންނާނީ ބަރސެލޯ ހޮޓެލްގައެވެ. އަދި 20 ވަނަ ދުވަހު ހުޅުމާލޭގެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާނެއެވެ. ހުޅުމާލޭ ދުވަހުގެ ޕްރޮގްރާމް ކުރިއަށްދާނީ ހަވީރު 6 އިން ރޭގަނޑު 10 އަށެވެ.

މި ފެއާގައި ދުނިޔޭގެ ޓޮޕް 100 އިން 300 އާ ދެމެދުގެ ރޭންކިންގައި ހިމެނޭ ޔުނިވަރސިޓީތަކާއި، 45 އަށްވުރެ ގިނަ މަޝްހޫރު ޔުނިވަރސިޓީ ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޖަޕާން، އިނގިރޭސިވިލާތް، ޔޫރަޕް، އިންޑިއާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި ސިންގަޕޫރުގެ ޔުނިވަރސިޓީތައް ހިމެނެއެވެ. ޚާއްޞަ ކަމެއްގެ ގޮތުގައި، އަނަންތަރާ ގްރޫޕުގެ ހޮސްޕިޓާލިޓީ އަދި ބިޒްނަސް މެނޭޖްމަންޓް ސްކޫލެއް ވެސް މި ފެއާގައި ބައިވެރިވެ، ހޮސްޕިޓާލިޓީ ދާއިރާގެ ފުރުޞަތުތައް ހުށަހަޅާނެއެވެ.

ފެއާއަށް ވަނުމާއި އެޕްލިކޭޝަން ޕްރޮސެސްކުރުން މުޅިން ހިލޭ ކަމަށާއި، ޝަރުޠު ހަމަވާ ދަރިވަރުންނަށް ޚާއްޞަ އިނާޔަތްތަކެއް ދޭނެ ކަމަށް މައި ކިއުސްޓަޑީން ބުނެއެވެ. އޭގެ ތެރޭގައި ހިލޭ ފްލައިޓް ޓިކެޓް، ވިސާ ފީ ވޭވާ، 250 ޑޮލަރާ ހަމައަށް ކޭޝްބެކް، އަދި ފެއާގައި ސީދާ ޔުނިވަރސިޓީއަށް އެޕްލައިކުރުމުގެ ފުރުޞަތު ހިމެނެއެވެ.

އެ ފަރާތުން ބުނީ، ދަރިވަރުން ބޭރަށް ފޮނުވުމަށްފަހު ވެސް ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ވިސާ، ހުރުމުގެ އިންތިޒާމު، އެއާޕޯޓު މަރުޙަބާ، ބޭސްފަރުވާގެ އިރުޝާދު، ބޭންކް އެކައުންޓް ހުޅުވުން، އަދި ޑިޕެންޑެންޓް/ކަނބަލުންގެ ވިސާ ފަދަ ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ ކަމަށް ބުނެއެވެ.

ފެއާއާ ބެހޭ އިތުރު މަޢުލޫމާތު، 9222833 ނަންބަރުން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް